50 ކޮތަޅަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ބޮނޑިން 2ރ. ގެ ފީ ނުނަގާ ގޮތަށް ކުނި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅުއްވައިފައިވަނީ އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ޝިފާޒެވެ.
އެ ބިލުގައި ކުނި މެނޭޖް ކުރުމުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ހިމަނާފައިވެއެވެ. މި އިސްލާހުތަކުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ރާއްޖެއަށް ކުނި އެތެރެކުރުމަކީ މަނާ ކަމެއް ކަމުގައި ގާނޫނުން ކަނޑައެޅުމަށާއި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުން ހިމެނެއެވެ.
އެގޮތުން މި ބިލުގައި ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި، 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ދެ ރުފިޔާ ނެގުން ހުއްޓާލުން ހިމެނެއެވެ. އެހެން ހެދުމުން ހޯލް ސޭލް ކުރާއިރު ދެ ރުފިޔާގެ ފީއެއް ނަގާކަށް ނުޖެހޭނެއެވެ.
އިސްލާހުގައިވާ ގޮތަށް 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ނަގާ ފީ އިސްތިސްނާކުރުމުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެ ކަމަށް އެ ބިލުގައި ހިމަނާފައިވެއެވެ.
މީގެ އިތުރުން، މި ބިލުގައި އިގްތިސާދީ އަދި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގައި ކުނި މެނޭޖްކުރުމުގެ ސިޔާސަތުތައް އެކުލަވާލުމަށް ވަނީ ހިމަނާފައެވެ. އަދި ކުނި މެނޭޖްކުރުމުގެ ކަންކަން ކުރިއަށް ގެންދަންވާނީ ގައުމީ މާސްޓާ ޕްލޭނާއި، އެ ސިޓީއެއްގެ ކުނި މެނޭޖްކުރުމުގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ކުނި މެނޭޖްކުރުމުގެ ނިޒާމް ފަރުމާކޮށް، ގާއިމްކުރުމާއި، ކުނި މެނޭޖްކުރުމުގެ މިންގަނޑުތައް ކަނޑައެޅުމުގެ އިތުރުން ކުނި މެނޭޖްކުރާ މަރުކަޒުތަކައި ގުޅުންހުރި ބައެއް އިސްލާހުތައް ބިލުގައި ހިމަނާފައިވެއެވެ. އަދި ކުނި މެނޭޖްކުރުމުގައި ބޭނުންކުރަ ވަސީލަތްތައް ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.
ގާނޫނުގައި މިހާރު އޮންނަ ގޮތުން މިނިސްޓްރީގެ ވަކި ހުއްދައެއް ހޯދައިގެން ރާއްޖެއަށް ކުނި އެތެރެ ކުރެވެއެވެ. ނަމަވެސް އެފަދަ ހުއްދައެއް ދޫކުރެވެނީ މިނިސްޓްރީން ހަދާފައި އޮންނަ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.


