Tuesday, 28 July 2026

ޕީއެންސީއަށް މަޖިލިސް ނުލިބުނު ނަމަ ރާއްޖެ މިހާރު ބަނގުރޫޓުވީސް: ސައީދު

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީއަށް ނުލިބުނު ނަމަ ރާއްޖެ މިހާރު އޮންނާނީ ބަނގުރޫޓުވެފައި ކަމަށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.

މެންބަރަކު ހުށަހެޅުއްވި ސުވާލަކަށް ޖަވާބު ދެއްވުމަށް، މިއަދު ބޭއްވި މަޖިލިސް ޖަލްސާއަށް މިނިސްޓަރު ސައީދު ހާޒިރުވެ މި މޭރުމުން ވާހަކަ ދެއްކެވީ އިތުރު ސުވާލުކުރުމަށް މެންބަރުންނަށް ދިން ފުރުސަތުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ސުވާލުކުރެއްވީ މަޖިލީހުގެ މެޖޯރިޓީ ޕީއެންސީއަށް ލިބިއްޖެނަމަ ޑޮލަރުގެ އަގު މަތި ނުވާނެ ކަމަށް މީގެ ކުރިން ސައީދު ދެއްކެވި ވާހަކަތަކާ ގުޅިގެނެވެ.

އެ ސުވާލުގެ ޖަވާބުގައި ސައީދު ވިދާޅުވީ ޑޮލަރުގެ އަގުގެ ވާހަކައަކީ އެ ދުވަހު ދެއްކެވި ވާހަކައިގެ އެއްބައި ކަމަށެވެ. އެ ދުވަހު ދެއްކެވި ވާހަކައަކީ ޑޮލަރުގެ އަގު މަތިވަމުން ދިއުމާއި ޑޮލަރުގެ ކަޅު ބާޒާރު އުފެދުނީ އެމްޑީޕީގެ ސަރުކާރު ތަކުން ގެންގުޅުނު ސިޔާސަތު ތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ވެސް ޑޮލަރުގެ އަގު މަތިވަމުން ދަނީ އެމްޑީޕީގެ ސަރުކާރުތަކުގެ ސިޔާސަތުތަކުގެ ސަބަބުން ކުރި އަސަރުތަކުގެ ނަތީޖާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންވެގެން ގައުމު ސަލާމަތް ކުރެވޭނީ ޕީއެންސީއަށް ކަމަށާއި އެ ދުވަހު ވިދާޅުވީ އެ ވާހަކަތައް ކަމަށް ސައީދު މިއަދު ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.

"މި މަޖިލިސް ޕީއެންސީއަށް ލިބުނުކަން އެއީ ދިވެހިރާއްޖޭގެ ނަސީބު. އެހެން ނޫން ނަމަ ރާއްޖެ ބަނގުރޫޓުވެފައި އޮންނާނީ،" ސައީދު ވިދާޅުވި އެވެ.

މިދިޔަ ދެ އަހަރު ދުވަހު 1.2 ބިލިއަން ޑޮލަރުގެ ދަރަނި ދައްކައި، ބަނގުރޫޓުނުވެ ރާއްޖޭގެ ރޭޓިން އެއްވަރެއްގައި ހިފަހައްޓައިގެން، ދަތިތަކާ އެކު ވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ފައިސާ ދެމުންދާ ކަން ސައީދު ފާހަގަކުރެއްވި އެވެ.

"ކެތްތެރިކަމާއެކު މަސައްކަތްތަކެއް ކުރެވުނީމަތާ ދޯ މި ހިސާބަށް ވެސް މި އާދެވުނީ," ސައީދު ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *