ސައިކަލަކަށް ފައިސާ ނުދައްކައިގެން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން، ދިވެހި އަންހެނަކު ހޯދުމަށް ފުލުހުން މިއަދު އިއުލާންކޮށްފި އެވެ،
ފުލުހުން ބުނި ގޮތުގައި އެ މީހަކު ހޯދަމުން ދަނީ، ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުމަށް މިއަދު ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
އެ އަމުރާ ގުޅިގެން ހޯދަމުންދަނީ ހަވީރީގެ، ލ. ކަލައިދޫ، މަރްޔަމް ވަޙީދާ (49އ) އެވެ.
އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދިފައިވެ އެވެ.
ލިޓަސް ފިހާރައިން ގަތް ސައިކަލަށް ފައިސާ ނުދައްކައިގެން އޭނާ އާއި އަދި ފައިސާ ދައްކާނެ ކަމުގެ ގެރެންޓީ ދީފައިވާ އިސްމާއީލް އާމިރު ނަމަކަށް ކިޔާ މީހަކު މައްޗަށް ފުރަތަމަ ހުކުމެއް ކުރަނީ 2021ވަނަ އަހަރުގަ އެވެ. އެ ފައިސާ ނުދައްކައިގެން ސިވިލް ކޯޓުން މިދިޔަ މަހު ވެސް ހުކުމެއް ކުރެ އެވެ. ކުރިން ކުރި ހުކުމަށް އަމަލުނުކުރި މައްސާލަގައި އެއް މަސް ތެރޭގައ 84،797 ރުފިޔާ ދައްކަން ހުކުމްކޮށްފައިވެ އެވެ.


