Tuesday, 28 July 2026

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލުވާލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީގެ ގޮނޑި ގެއްލުނު ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެމްޑީޕީން ނިންމައިފިއެވެ.

މިހާރު އިލެކްޝަންސް ކޮމިޝަން (އީސީ)ން އުވާލާފައިވާ ޑިމޮކްރެޓްސް ޕާޓީގެ ޓިކެޓްގައި އިންތިހާބުވި ޝުޖާއު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ކަމަށް އީސީގެ ދަފްތަރުން ދައްކަނީ މިދިޔަ މެއި މަހުގައެވެ.

ލާމަރުކަޒީ ގާނޫނު މިހާރު އޮންނަ ގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވާ ކައުންސިލަރަކު ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކޮށްފިނަމަ އެ މީހެއްގެ ގޮނޑި ގެއްލޭނެއެވެ. ޝުޖާއުގެ ގޮނޑި ގެއްލުނު ކަމަށް އެލްޖީއޭން ނިންމަނީ އެހެންވެގެނެވެ.

މިއަދު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޝުޖާއުގެ ގޮނޑި ގެއްލުނު ކަމަށް ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ޕާޓީގެ ގާނޫނީ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

މި ހަފުތާގެ ތެރޭގައި އެ މައްސަލަ ހުށަހެޅުމަށް އެ ކޮމިޓީން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މި ފަހަރު ޝުޖާއުއަށް ފިޔަވަޅު އެޅުމަށް އެލްޖީޢޭން ނިންމި ނަމަވެސް މީގެ ކުރީގައި އެމްޑީޕީގެ ޓިކެޓުގައި ހޮވުނު ބައެއް ކައުންސިލަރުން ސަރުކާރު ހިންގާ ޕީއެންސީއަށް ބަދަލުވެގެން އެ ފަރާތްތަކާ މެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކުރެވެއެވެ.

ޝުޖާއު އަކީ މީގެ ކުރިން ވ. އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ އިންތިހާބުވި ދަ ޑިމޮކްރެޓްސް ޕާޓީއަކީ ނަޝީދު އިސްވެ އުފެއްދެވި ޕާޓީއެއް ނަމަވެސް، ގާނޫނީ އަދަދަށް މެންބަރުން ހަމަނުވުމުގެ ސަބަބުން ޕާޓީ އުވާލީ ވެސް މިދިޔަ މެއި މަހުގަ އެވެ.

ނަޝީދާއި ޑިމޮކްރެޓްސްގެ އިސް ގިނަ ބޭފުޅުން އެމްޑީޕީއަށް އަލުން ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ޖޫން މަހުގަ އެވެ. އޭގެ ފަހުން މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ނަޝީދު ވާދަކުރައްވާތީ ޑިމޮކްރެޓްސްގެ ގިނަ މެންބަރުންތަކެއް އެމްޑީޕީއާ ގުޅުނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *