ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޫކޮށްފައިވާ ސެކިއުރިޓީ ފާސްތައް، ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ނަހަމަ ގޮތުގައި ބޭނުންކުރާނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލް އިން ނެރުނު ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތުގައި، އެއާޕޯޓް ސެކިއުރިޓީ ފާހަކީ ހަމައެކަނި ރަސްމީ ޑިއުޓީގެ ބޭނުންތަކަށް، ކަނޑައެޅިފައިވާ ވަކި ސަރަހައްދުތަކަކަށް ވަނުމަށް ދޫކުރެވޭ އެއްޗެކެވެ. ނަމަވެސް، ބައެއް މުވައްޒަފުން އެއްވެސް އޮޕަރޭޝަނަލް ބޭނުމަކާ ނުލައި، ފަސިންޖަރުންގެ ފޮށިތައް ނަގާ ސަރަހައްދަށް ނުވަތަ ކަސްޓަމްސް އޭރިއާއަށް ވަދެ، ފަސިންޖަރުންނާ މުއާމަލާތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
އަދި މިފަދަ އަމަލުތަކުގެ ސަބަބުން ވައިގެ ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރައި، އޭވިއޭޝަން ސެކިއުރިޓީއަށް ނުރައްކާވެ، އެއާޕޯޓާއި ކަސްޓަމްސްގެ އޮޕަރޭޝަންތަކަށް ދަތިވާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.
މި އުސޫލުތަކާ ހިލާފުވާ މުވައްޒަފުންނާ މެދު އިދާރީ ފިޔަވަޅު އެޅުމުގެ އިތުރުން، އެމީހަކަށް ދޫކޮށްފައިވާ ސެކިއުރިޓީ ފާސް އަތުލުން ނުވަތަ ކެންސަލް ކުރާނެކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. އެހެންކަމުން، ހާއްސަ ހުއްދައެއް ނެތި ކަސްޓަމްސް ސަރަހައްދަށް ނުވަނުމަށާއި، މަސައްކަތުގެ ބޭނުމެއްގައި ނޫނީ ފަސިންޖަރުންނާ ވާހަކަނުދެއްކުމަށް މިހާރު ވަނީ މަނާކޮށްފައެވެ.
"އެއާޕޯޓް ސެކިއުރިޓީ ފާސް ހުއްދަނެތް ގޮތުގައި ބޭނުންކުރުމަކީ އޭވިއޭޝަން ސެކިއުރިޓީއަށް ނުރައްކާވެ، އެއާޕޯޓާއި ކަސްޓަމްސްގެ އޮޕަރޭޝަންތަކަށް ދަތިވާނެ ކަމެއް،" އެމްއޭސީއެލްގެ ސާކިއުލާގައި ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން، އެއާޕޯޓުގެ ހުރިހާ ސެކިއުރިޓީ ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކޮށް، ގަވައިދުތަކަށް ބޯލެނބުމަށް އެ ކުންފުނިން ވަނީ ހުރިހާ މުވައްޒަފުންނަށް އިލްތިމާސްކޮށްފައެވެ.


