Tuesday, 28 July 2026
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ކުރީގެ ރައީސް އަބްދުﷲ --ޔާމީން

މުޢިއްޒު ވެރިކަމަށް ގެނައުމަކީ ކުރި ކުށެއް ނޫން، އެމްޑީޕީގެ ވެރިކަމަށް ވުރެ މި ސަރުކާރު ހިތްފަސޭހަ: ޔާމީން

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ގެނައުމަށް ކުރި މަސައްކަތަކީ ކުށެއް ނޫންކަމަށާއި، ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދެން ނުޖެހޭނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ޕީއެންއެފް އޮފީހުގައި ބޭއްވި ޓައުންހޯލް ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް ގެނައުމަކީ ކުރެއްވި ކުށެއް ނޫން ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމާ އަޅާބަލާއިރު މި ސަރުކާރު މާ ރަނގަޅު ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

"އެއީ އަޅުގަނޑުމެން ކުރި ކުށެއްނޫން މިއީ ދެއްތޯ، އަޅުގަނޑުމެންނަށް އޮތީ މިއަށްވުރެ ނުބައި ޝައިޠާނެއް، ބޮޑު ޝައިޠާނެއް އިނގޭތޯ،" މިދިޔަ ސަރުކާރަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވެރިކަމުގައި ދިވެހި އެއްވެސް ރައްޔިތަކަށް ލިބުނު ފައިދާއެއް ނެތެވެ. އަދި މިހާރުގެ ސަރުކާރަށް ތަކުރާރުކޮށް ފާޑުވިދާޅުވަމުން ގެންދެވި ނަމަވެސް، އެމްޑީޕީގެ ވެރިކަމަށް ވުރެ މި ވެރިކަން ހިތްފަސޭހަ ކަމަށް ވިދާޅުވެ، ވެރިކަން ބަދަލުކުރުމަށް ކުރި މަސައްކަތަށް މައާފަށް އެދެން ނުޖެހޭނެ ކަމަށް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ޔާމީންގެ ތާއީދާއެކު ނަމަވެސް، ވެރިކަމުގެ ކުރީކޮޅު ޔާމީން ވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަކިވެވަޑައިގެން އަމިއްލަ ޕާޓީއެއް އުފައްދަވާފައެވެ. އޭގެ ފަހުން އެމަނިކުފާނު ގެންދަވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

މީގެ އިތުރުން، ދާދިފަހުން ޔާމީން ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޞާލިޙާ ބައްދަލުކުރައްވައި، ސަރުކާރަށް ޕްރެޝަރު ކުރުމަށް މަޝްވަރާ ކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *