އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ކަމަށް އެންމެ ފަހުން އެ ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަންކުރި މުހައްމަދު ޝަކީލް މިއަދު އައްޔަންކޮށްފި އެވެ.
އެ ކޮމިޝަނުގެ ރައީސްގެ މަގާމަށް ޝަކީލް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ އިއްޔެ އެވެ.
އީސީން ދެންމެ ބުނި ގޮތުގައި މިއަދުގެ ވަގުތެއްގައި ކޮމިޝަނުގެ ރައީސްގެ މަގާމަށް ޝަކީލު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އައްޔަން ކުރައްވައިފަ އެވެ.
ކޮމިޝަނުގެ މެންބަރު ކަމަށް ޝަކީލް އައްޔަންކުރަން ފޮނުވުމުގެ ކުރިން އޭނާ ހުންނެވީ ވެރިކަންކުރާ ޕީއެންސީގެ ރަޖިސްޓަރާގެ މަގާމާއި ސެނެޓް މެންބަރެއްގެ މަގާމުގަ އެވެ. ނަމަވެސް އީސީއަށް އައްޔަންކުރުން އެ މަގާމުތައް އޭނާ ވަނީ ދޫކޮށްލައްވައިފަ އެވެ.
އޭގެ އިތުރުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ވެސް ހުންނެވީ އޭނާ އެވެ. ރައްޔިތުންގެ މަޖިލީހުން އީސީގެ މެންބަރުކަމަށް އޭނާ އައްޔަންކުރުމަށް ރުހުން ދިނުމާއެކު އެ މަގާމުން އިސްތިއުފާ ދެއްވި އެވެ.
އީސީގެ މެންބަރު ކަމެއްގެ މަގާމާއި ރައީސްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވުމުންނެވެ.


