ރާއްޖޭގައި މިހާތަނަށް ޖުމުލަ 66 މީހުންނަށް ހިމަބިހީގެ ބަލި ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އާންމުކޮށްފި އެވެ.
އޭގެ ކުރީގެ ހަފުތާތަކަށްވުރެ ވެސް މާ ގިނައިން މިދިޔަ ހަފުތާގައި މި ބަލި ޖެހިފައިވާ ކަން އެޗްޕީއޭއިން މިއަދު އާންމުކުރި ހިސާބުތަކުން އެނގެ އެވެ. މިދިޔަ ހަފުތާ އެކަނި ހިމަބިހީގެ އިތުރު 44 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭގެ ސޯޝަލް މީޑިއާ ހޭންޑަލްތަކުގައި ކުރި ޕޯސްޓްގައި ދެން ހިމެނެނީ މި ބަލިން ރައްކާތެރި ވުމަށް ކުރެވިދާނެ ކަންކަމެވެ. ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމަކީ:
- ހާލަތު ގޯސްވާނަމަ އަވަހަށް ސިއްހީ ފަރުވާ ހޯދުމާއި ފަރުވާ ހޯދަން ހޮސްޕިޓަލަށް ދާއިރު މާސްކު އަޅައިގެން ދިއުން
- އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުން
- ހިމަ ބިއްސަށް ޝައްކުވެގެން ޓެސްޓު ހަަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވުން
- ސާފުތާހިރުކަމަށް ސަމާލުކަން ދިނުމާއެކު ބަލިން ރައްކާތެރިވުމަށް އަދި ބޮޑުވަރުވިޔަ ނުދިނުމަށް ވެކްސިން ފުރިހަމަކުރުން
- ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭތަންތަނަށް ނުދިޔުން


