ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލާގައި ދައުވާކޮށްފައިވާ އަދުހަމް މުހައްމަދަށް މަރުގެ އަދަބު ދިނުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދެމެހެއްޓުމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ހުޅުމާލޭގައި ގާސިމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ 4 ޑިސެމްބަރު 2019ގަ އެވެ. އޭނާ މަރާލި ކަމުގެ ތުހުމަތުގައި އަދުހަމް ހައްޔަރުކޮށްފައި ވަނީ 20 ޑިސެމްބަރު 2019ގަ އެވެ. ކްރިމިނަލް ކޯޓުން އަދުހަމް މެރުމަށް ހުކުމްކޮށްފައިވަނީ 16 އޭޕްރީލް 2023ގަ އެވެ.
އަދުހަމަށް މަރުގެ އަދަބު ދިނުމަށް ދަށު ކޯޓުން ކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކުރީ މަރުގެ އަދަބު ކަނޑައަޅާފައިވާ ހުކުމްތައް ޝަރީއަތުގެ ތިން މަރުހަލާ ފުރިހަމަކުރަން ޖެހޭތީ އެވެ.
ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އަގުލަބިއްޔަތުން ހުކުމްކުރީ އަދުހަމް، ގާސިމް މަރާލިކަމަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅި ކަންކަން އެ ގޮތުގައި އެބަ އޮތް ކަމަށެވެ. އެހެންވެ ކްރިމިނަލް ކޯޓުގެ ހުކުމް ދެމެހެއްޓުމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފައިވެ އެވެ.


