Tuesday, 28 July 2026

މަޝްރޫއުތައް ވިލަރެސްކުރަން ކޮންމެ މިނިސްޓްރީއެއްގައި ޚާއްސަ ޔުނިޓެއް އުފައްދަނީ

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ދުވަހުން ދުވަހަށް އިންތިޒާމުކޮށް ވިލަރެސްކުރުމަށްޓަކައި، ކޮންމެ މިނިސްޓްރީއެއްގައި ޚާއްސަ ޔުނިޓެއް އުފެއްދުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. ރައީސް އޮފީހުން ހާމަކުރި ގޮތުގައި މި ނިންމުމަކީ ސަރުކާރުގެ ޚިދުމަތްތައް ހަރުދަނާކޮށް، ކަނޑައަޅާފައިވާ ސުންގަޑިތަކަށް މަޝްރޫއުތައް ނިންމުމަށް އެޅި ފިޔަވަޅެކެވެ.

މަޝްރޫއުތައް ކުރިއަށްދާ ގޮތް ބެލުމަށް ބޭނުންކުރާ "ދުވެލި" ޕޯޓަލާއި ފިނޭންސް މިނިސްޓްރީގެ "ޕަބްލިކް އިންވެސްޓްމަންޓް މެނޭޖްމަންޓް ސިސްޓަމް" މި ހަފުތާގެ ނިޔަލަށް އަދާހަމަކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، މަޝްރޫއުތައް ހިންގުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ފިނޭންސް މިނިސްޓްރީގައި ޚާއްސަ ޓީމެއް ގާއިމުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ވަޒީރުންގެ މަޖިލީހުން ވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް މުޅި ރާއްޖެ އާރްޓީއެލް ވިއުގައަކުން ގުޅާލުމުގެ މަސައްކަތަށް ޚާއްސަ އިސްކަމެއް ދިނުމަށް ނިންމާފައެވެ. އަދި ހައުސިން މިނިސްޓްރީން ހިންގާ މަޝްރޫއުތައް ތާވަލާ އެއްގޮތަށް ނިންމުމަށްޓަކައި، ކަމާބެހޭ ކުންފުނިތަކާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ވެސް ވަނީ ފާސްކޮށްފައެވެ.

ކެމިކަލް ގުދަންތަކުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން، އަތޮޅުތެރޭގައި އެފަދަ ތަންތަން ތަރައްގީކުރުމުގެ ހުއްދަ ދޭނީ މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރުގައި ކަމަށް ވެސް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *