ސިނގިރޭޓަކުން ނަގާ ޑިއުޓީގެ ރޭޓް 4 ރުފިޔާއަށް ކުޑަކުރަން ޖެހޭ ގޮތަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި އެވެ.
ބައި ގަޑިއިރަށް ކުރިއަށް ގެންދިޔަ މުޅި މަޖިލީހުގެ ކޮމިޓީން ބިލު އޮތް ގޮތަށް ފާސްކުރީ 69 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސް ކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
މުޅި މަޖިލީހުގެ ކޮމިޓީއަކުން ބިލު ފާސްކުރި ނަމަވެސް، މަޖިލިސް ތަޅުމުގައި އަދި އެއް ފަހަރު ބިލު ފާސްކުރަން ވޯޓަށް އަހަން ޖެހޭނެ އެވެ. ބެލެވޭ ގޮތުގައި މާދަމާ އޮންނަ މަޖިލިސް ޖަލްސާގައި ބިލު ފާސްކުރުމާ ގުޅޭ ގޮތުން ތަޅުމުގައި ވޯޓަށް އަހާނެ އެވެ.
މިހާރު ޑިއުޓީ ރޭޓަކީ ސިނގިރޭޓަކުން 8 ރުފިޔާ އެވެ. ކުރިން 3 ރުފިޔާ 50 ލާރިއަށް ހުރި ޑިއުޓީ ބޮޑުކުރީ 2024ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ.
ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ބިލުގައި، ސިނގިރޭޓަކުން ނަގާ ޑިއުޓީ 4 ރުފިޔާ އަދި އެޑްވޮރަމް ޑިއުޓީގެ ގޮތުގައި %30 ނެގުމަށް ހިމަނާފައިވެ އެވެ. އަދި ބިޑިއަކުން ނަގާ ޑިއުޓީ ވެސް 4 ރުފިޔާގެ ގޮތުގައި ނެގުމަށް ބިލުގައިވެ އެވެ.
އޭގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމަށް ހާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗިއުންގަމާއި ނިކޮޓިން ޕެޗް ފަދަ ތަކެތިން ޑިއުޓީ ކަނޑާލުމަށް ހުށަހަޅާފައިވެ އެވެ.


