ސިނގިރޭޓު ޑިއުޓީ ކުޑަކުރުމަކީ ފަހަތަށް އެޅުނު ފިޔަވަޅެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދުންފަތާ ދެކޮޅަށް މި ސަރުކާރުން ބޮޑެތި ފިޔަވަޅުތަކެއް އެޅި އެވެ. ފުރަތަމަ ސަރުކާރުން ވޭޕް މަނާކުރި އެވެ. އަދި 2027ވަނަ އަހަރުގެ ޖީލުން ފެށިގެން ދުންފަތް މަނާކުރާ ގޮތަށް ޖެނެރޭޝަނަލް ބޭންްއެއް ވެސް ތައާރަފުކުރި އެވެ. ދެން ކުރި ކަމަކީ، ސިނގިރޭޓަކުން ނަގާ ޑިއުޓީ 3.50ރ. އިން 8ރ. އަށް ބޮޑުކޮށްލުމެވެ.
އެހެން ނަމަވެސް ސަރުކާރުން މިހާރު ވަނީ ސިނގިރޭޓަކުން ނަގާ ޑިއުޓީ 4ރ. އަށް އަނެއްކާ ވެސް 8ރ. އަށް ބޮޑުކުރާ ގޮތަށް ރައްޔިތުންގެ މަޖިލިހަށް ބިލެއް ވެސް ހުށަހަޅާފަ އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން މަރުހަލާތަކަކުން ކުރަމުންދާ ކަމަކީ ވަށައިޖެހޭ ސިއްހީ ސާޔާސަތަކުން މީހުން ދުންފަތާ ދުރު ކުރުމެވެ.
މިހާރު ހުށަހަޅާފައިވާ ބިލުގައި ވެސް ބިޑިއަކުން ޑިއުޓީ ނެގުމާއި، ދުންފަތާ ދުރުވުމަށް ބޭނުންވާ ވަސީލަތްތަކުން ޑިއުޓީ ކަނޑާލުމަށް ވެސް ހިމަނާފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.
"އާދަޔާ ހިލާފަށް ދުންފަތުގެ އެކި ބާވަތްތަައް ބޭނުންކުރާ ވަރު އާދަޔާ ހިލާފަށް އިތުރުވެދާނެތީވެ އަޅުގަނޑުމެން މި ވިސްނީ މި ބަދަލު [ސިނގިރޭޓު ޑިއުޓީ ކުޑަކުރަން] ގެންނަން، މި ބަދަލު ގެނެސްގެން މިއީ ފަހަތަށް އެޅޭ ފިޔަވަޅެއް ނޫން," ރައީސް ވިދާޅުވި އެވެ.
ސިނގިރޭޓު އަގު ބޮޑުވުމުގެ ސަބަބުން ސިނގިރޭޓަށްވުރެ ވެސް ބޮޑަށް ސިއްހަތަށް ގެއްލުން ހުރި، ފުއްޕާމެއަށް މާ ނުރައްކާތެރި ދުންފަތުގެ ބާވަތްތައް ވެސް އިތުރުވަމުންދާ ކަން ފާހަގަކުރެވޭތީ އެ ކަން ހުއްޓުވުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަން ޖެހުނީކަން ރައީސް ފާހަގަކުރެއްވި އެވެ.


