ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ޒަރީރަށް ހަމަލާ ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނި ގޮތުގައި ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ. އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ބުންޏެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
މީގެ ކުރިން، 1 މެއި 2023ގައި ވެސް ޒަރީރަށް ބަޔަކު ހަމަލާދީފައިވެ އެވެ. އެއީ ރައްޓެހިންތަކަކާ އެކު މާލޭގެ ކެފޭއެއްގެ ތެރޭގައި އިންނަވަނިކޮށެވެ. އޭނާއަށް ދިން އެ ހަމަލާގައި މަރުތޭލަކުން ބޮލުގައި ޖަހައި ޒަހަމްކޮށްލާފައިވެ އެވެ. އެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާކުރި ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާތައް ސާބިތުނުވާ ކަމަށް 3 ނޮވެމްބަރު 2024ގައި ހުކުމްކޮށްފަ އެވެ. އެ މައްސަލަ އިތުރަކަށް މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފުކޮށްފައެއް ވެސް ނުވެ އެވެ.


