މުޅި ރާއްޖޭގައި ފުލުހުންގެ މަރުކަޒުތައް ގާއިމްކުރުމުގެ އިތުރުން، މާލޭގައި އެންމެ ޒަމާނީ ފެންވަރުގެ ފުލުހުންގެ ހެޑްކުއާޓަރެއް ތަރައްގީކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ފުލުހުންގެ މައި އިދާރާ މިހާރު ހުރީ ވަރަށް ކުޑަ ތަންކޮޅެއްގައި ކަމަށާއި، އެހެންކަމުން ޒަމާނަށް ފެތޭ، ޖާގައާއި ވަސީލަތް ތަނަވަސް ހެޑްކުއާޓަރެއް މާލޭގައި ބިނާކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ. މީގެ އިތުރުން އިސްކަންދަރު ކޮށީގެ ދެވަނަ އިމާރާތާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޒަމާނީ ވަސީލަތްތަކާއެކު ފުލުހުންގެ މަރުކަޒެއް ގާއިމުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.
"މައި ހެޑްކުއާޓަރު މިހާރު އެހެރީ ކުޑަކުޑަ ތަންކޮޅެއްގައި. އެެހެންވީމަ ޒަމާނަށްފެތޭ، ޖާގައާއި ވަސީލަތުގެ ގޮތުން ތަނަވަސް، އެންމެ ރަނގަޅު ފެންވަރުގެ ފުލުހުންގެ ހެޑްކުއާޓަރެއް އިރާދަކުރެއްވިއްޔާ މާލޭގައި އެޅުމަށްޓަކައި ކޮށްދޭންޖެހޭ މަސައްކަތެއް އަޅުގަނޑުމެން ކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރަށްރަށުގައި މިހާރު ތަރައްގީކުރަމުންދާ ފުލުހުންގެ މަރުކަޒުތައް އަންނަ އަހަރުގެ ނިޔަލަށް ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.


