ކ. ހިންމަފުށީގައި އެއްފަހަރާ 500 މީހުންނަށް ފަރުވާދެވޭ ފެންވަރުގެ ބޮޑު ރިހެބިލިޓޭޝަން ސެންޓަރެއް ބިނާކުރުމުގެ އަމަލީ މަސައްކަތް އަންނަ ޖުލައި މަހު ފަށާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އިއުލާނުކުރައްވައިފިއެވެ.
މި މަޝްރޫއަކީ ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި މަރުކަޒަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ބިނާކުރާ ތަނެއްކަމަށާއި، މި މަޝްރޫއު 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ. ވަޒީރު އިޙްސާން ވިދާޅުވި ގޮތުގައި، މި ސެންޓަރު ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ގާއިމުކުރެވޭ އެންމެ ފެންވަރު ރަނގަޅު އަދި ޖާގަ ތަނަވަސް ފަރުވާދޭ މަރުކަޒަށެވެ.
މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތައް އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން، ހިންމަފުށީގެ އިތުރުން ނ. ވެލިދޫ، ކ. ކާށިދޫ އަދި ލ. ގަމުގައިވެސް އައު ސެންޓަރުތަކެއް ތަރައްގީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.


