Tuesday, 28 July 2026
އެމްކިއުއޭ ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: އެމްކިއުއޭ

ފޭކު ސެޓުފިކެޓުތައް އިތުރުވާ މައްސަލައިގައި އެމްކިއުއޭގެ އިސްވެރިން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި

ރާއްޖޭގައި ފޭކު ސެޓުފިކެޓުތަކާއި ފޯޖު ސަނަދުތައް ދޫކުރުން އިތުރުވެފައިވާ މައްސަލައިގައި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ދެނެގަތުމަށް އެ އޮތޯރިޓީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފިއެވެ.

މިކަމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ފޮނުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމްއެވެ.

މެންބަރު މުޙައްމަދު އިބްރާހިމް ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މި މައްސަލައިގެ ސަބަބުން ދަރިވަރުންނަށް ބޭނުންވާ ފުރިހަމަ ހުނަރާއި އިލްމު ނުލިބި، ހަމައެކަނި ރަމްޒީ ސަނަދެއް ލިބޭ ހާލަތަކަށް ކަންކަން ވަނީ ގޮސްފައެވެ. މީގެ އިތުރުން، ކިޔަވައިދޭ މާއްދާތައް ގައުމީ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ނުފެތުމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވިއެވެ.

ސިޓީގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މިފަދަ ކަންކަމުގެ ސަބަބުން ވަޒީފާދޭ ފަރާތްތަކުގެ އިތުބާރު ގެއްލި، ރާއްޖޭގެ މަތީ ތައުލީމުގެ ނިޒާމުގެ އަގު ދަނީ ވެއްޓެމުންނެވެ. މިއީ ގައުމީ ފެންވަރުގައި ހައްލުކުރަންޖެހޭ ބޮޑު މައްސަލައެއްގެ ގޮތުގައި މެންބަރު ވަނީ ސިފަކުރައްވާފައެވެ.

މި މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގައި، ދާދި ފަހުން ރަޖިސްޓްރީނުކުރާ ދަރިވަރުންތަކަކަށް ސެޓުފިކެޓު ދޫކުރި މައްސަލައެއްގައި އެވިޑް ކޮލެޖު ވަނީ ޖޫރިމަނާކޮށްފައެވެ. މިއީ ރާއްޖޭގެ ތައުލީމީ ދާއިރާގައި ހުރި މިފަދަ ނުރަނގަޅު އާދަތައް ހުއްޓުވުމަށް އެމްކިއުއޭއިން ފިޔަވަޅު އަޅަމުންދާ ކަމުގެ ހެއްކެކެވެ.

މެންބަރު މުޙައްމަދު އިބްރާހިމް ވިދާޅުވި ގޮތުގައި، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށާއި، މަތީ ތައުލީމުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި އެމްކިއުއޭގެ ދައުރު ވަޒަންކުރުމަކީ މިވަގުތަށް ނުހަނު މުހިންމު ކަމެކެވެ. އެހެންކަމުން، އެ އޮތޯރިޓީއަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް މަޖިލީހުގެ ކަމާބެހޭ ކޮމިޓީ މެދުވެރިކޮށް ދެނެގަތުމަށް ވަނީ އެދިވަޑައިގެންފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *