ދުނިޔެއަށް އަންނަ އެންމެ މާތް އަދި އެންމެ ހެޔޮ ދުވަސްތަކަކީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. "ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް" މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުޠުބާގައި ވަނީ މި ދުވަސްތަކުގެ މަތިވެރިކަމާއި، އެ ދުވަސްތަކުގައި ހެޔޮ އަމަލުތައް އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.
ޚުޠުބާގައި ބަޔާންކުރެއްވި ގޮތުގައި، މި ދުވަސްތަކަކީ ދުނިޔެއަށް އަންނަ އެންމެ ހެޔޮ ދުވަސްތަކަށް ވުމުގެ ސަބަބަކީ ނަމާދާއި، ރޯދައާއި، ޞަދަޤާތުގެ އިތުރުން ޙައްޖުގެ މަތިވެރި އަޅުކަން ފަދަ އެންމެ މަތިވެރި ހެޔޮ އަމަލުތައް މި ދުވަސްތަކުގައި ޖަމާވާތީއެވެ. މާތް ﷲގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޙުރުމަތްތެރިވެގެންވާ ހަތަރު މައްސަރުގެ ތެރެއިންވެސް އެންމެ މާތް މައްސަރަކީ ޙައްޖު މަސްކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
އަހަރެމެންގެ ކުރު ޙަޔާތުގައި މިފަދަ މާތް މޫސުންތައް ތަކުރާރުވާ ގޮތަށް މާތް ﷲ ލައްވާފައިވަނީ އެކަލާނގެ އޯގާވަންތަކަމުން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އެހެންކަމުން، އެންމެ ފުރަތަމަ ކަމަކަށް އިޚުލާޞްތެރި ތައުބާއަކުން ތައުބާވެ، ހެޔޮ އަމަލުތައް ކުރުމުގައި އަވަސްވެގަތުމަށް ވަނީ ނަޞޭޙަތްތެރިވެފައެވެ.
"ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދާންތައް ފިލައިނުދަނީސް އަހަރެމެންނާ ކުރިމަތިވަމުން މި އަންނަނީ ދުނިޔެއަށް އަންނާނޭ އެންމެ މާތް ދުވަސްތައް،" ޚުޠުބާގައި ވިދާޅުވިއެވެ.
ޙައްޖު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އައްޔާމުއްތަޝްރީޤުގެ ފަހު ދުވަހާ ހަމައަށް ގޭތަކާއި މަގުތަކުގައި އަޑުހަރުކޮށް ތަކުބީރު ކިޔުމަކީ ސުންނަތެއްކަން ފާހަގަކުރައްވައި، މި ދުވަސްވަރު ގިނަގިނައިން ޞަދަޤާތް ކުރުމަށްވެސް ވަނީ ހިތްވަރު ދީފައެވެ. މީގެ އިތުރުން، މާތް ﷲ ލޯބިވެވޮޑިނުގަންނަވާ އެންމެހައި ނުބައި އަމަލުތަކުން، ޚާއްޞަކޮށް ދެބައޮޑުވުމާއި، ދޮގުހެދުމާއި، ފިތުނަ އުފެއްދުން ފަދަ ކަންކަމުން ދުރުހެލިވުމަށް ޚުޠުބާގައި ގޮވާލާފައިވެއެވެ.


