މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް، އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހުޅުމާލެއިން ދިވެހި އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ފޭސް 2 ގެ ހިޔާ ފުލެޓެއްގައި އުޅެމުންދިޔަ، މާލެއަށް ނިސްބަތްވާ 22 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. ފެނުނު މި ތަކެތީގެ ވަގުތީ ބަރުދަނަކީ 216.12 ގުރާމް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިދީފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.


