އެޓެންޝަން ޑެފިސިޓް ހައިޕަރ އެކްޓިވިޓީ ޑިސްއޯޑަރ (އޭ.ޑީ.އެޗް.ޑީ) ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ މިތައިލްފެނިޑޭޓް ޤާނޫނީ އޮނިގަނޑުގެ ތެރެއިން ރާއްޖެއިން ލިބޭނެ އިންތިޒާމު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ހަމަޖައްސަވައިފިއެވެ. މީގެކުރިން މިބޭހަކީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ރާއްޖެ އެތެރެކުރުން މަނާ ބޭހެކެވެ.
އޭ.ޑީ.އެޗް.ޑީ ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމުގައި 'ފަސްޓްލައިން ޓްރީޓްމަންޓް' އެއްގެ ގޮތުގައި ބޭނުންކުރާ މި ބޭސް ލިބޭނެ ގޮތް ހަމަޖެއްސުމަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިސްލާޙްގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ހުށަހަޅުއްވާފައިވާ ލަފަޔާމެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ.
މި ބަދަލު ގެނައުމަށްޓަކައި މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ހުށަހެޅުއްވުމުން، މަޖިލީހުން ވަނީ އެކަމަށް ރުހުން ދެއްވުމަށް ފާސްކުރައްވާފައެވެ. އޭޑީއެޗްޑީ ހުންނަ ފަރާތްތަކުގެ ފަރުވާގައި މުހިއްމު ބޭހަކަށް މިބޭސް ހިމެނޭއިރު، ރާއްޖެއިން މިބޭސް ލިބުމުގައި ހުރި ހުރަސްތަކަކީ އެކަން ތަޙައްމަލުކުރަމުންދާ ފަރާތްތަކާއި ފަރުވާގެ ނިޒާމުގައި ތިބި ފަރާތްތަކުގެ ބޮޑު ކަންބޮޑުވުމެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް ޢަމަލުކުރަން ފަށާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވި ގޮތުގައި، މި އިޞްލާޙާއެކު އޭ.ޑީ.އެޗް.ޑީ ހުންނަ ފަރާތްތަކަށް ބޭނުންވާ ފަރުވާ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ރާއްޖެއިން ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ.


