މިއަހަރު ބާއްވާ ފީފާ ވޯލްޑް ކަޕާ ދިމާކޮށް މެކްސިކޯގެ ސްކޫލްތަކުގެ ކިޔެވުން އަވަހަށް ނިންމާލުމަށް ސަރުކާރުން ގެންގުޅުނު ރޭވުންތައް، ބެލެނިވެރިންނާއި ކަމާބެހޭ ފަރާތްތަކުގެ ފާޑުކިޔުންތަކާ ގުޅިގެން ކެންސަލްކޮށްފި ކަމަށް އެގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.
މެކްސިކޯގެ އެޑިއުކޭޝަން ސެކްރެޓަރީ މާރިއޯ ޑެލްގާޑޯ ކުރިން ނިންމަވާފައި އޮތީ، ހޫނުގަދަވުމުގެ ސަބަބުންނާއި ވޯލްޑް ކަޕަށް ފުރުސަތު ދިނުމުގެ ގޮތުން ޖޫން މަހުގެ 5 ވަނަ ދުވަހު ސްކޫލްތައް ބަންދުކުރުމަށެވެ. މިއީ ކުރިން ތާވަލުކުރި ތާރީޚަށްވުރެ ގާތްގަނޑަކަށް 40 ދުވަސް އަވަސް ތާރީޚެކެވެ. ނަމަވެސް މި ނިންމުމާ ގުޅިގެން ބެލެނިވެރިންނާއި، ތައުލީމީ ދާއިރާގެ ދިރާސާކުރާ ފަރާތްތަކުގެ ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ ކުރިމަތިވެފައެވެ.
މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބައުމް ވިދާޅުވީ، އަމާޒަކީ އެންމެން އެއްބަސްވާ ގޮތަކަށް ކަންކަން ނިންމުން ކަމަށެވެ. "ޚިޔާލަކީ އަބަދުވެސް އޮންނަ ގޮތަށް 6 ހަފުތާގެ ޗުއްޓީއެއް ދިނުން،" ރައީސް ވިދާޅުވިއެވެ. މި މައްސަލައިގައި ބޭއްވި ބައްދަލުވުމަށްފަހު މިހާރު ނިންމާފައިވަނީ ކުރިންވެސް އޮތް ގޮތަށް ޖުލައި 15 ގައި ސްކޫލްތައް ބަންދުކޮށް، އޮގަސްޓް 31 ގައި އަލުން ކިޔެވުން ފެށުމަށެވެ.
މެކްސިކޯ އިވެލުއާ ކިޔާ ތިންކް ޓޭންކަކުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ސްކޫލްތައް އަވަހަށް ބަންދުކުރުމުން 23.4 މިލިއަން ދަރިވަރުންގެ އުނގެނުމަށް ބޮޑު ހުރަހެއް އެޅި، ފިލާވަޅުތަކުގައި ފަހަތަށް ދާނެ ކަމަށެވެ. މީގެ އިތުރުން މެކްސިކޯގެ ދެ ސްޓޭޓަކުން ވެސް ވަނީ ސަރުކާރުގެ މި ނިންމުމަށް އަމަލުކުރަން ދެކޮޅު ހަދާފައެވެ.
މެކްސިކޯ، އެމެރިކާ އަދި ކެނެޑާ ގުޅިގެން ބާއްވާ ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 11 ވަނަ ދުވަހުއެވެ. މުބާރާތް ފަށާ މެޗުގައި މެކްސިކޯ ސިޓީގައި ބައްދަލުކުރާނީ މެކްސިކޯ އާއި ދެކުނު އެފްރިކާއެވެ. ރައީސް ޝެއިންބައުމް ވަނީ މުބާރާތުގެ މެޗުތައް ކުރިއަށްދާއިރު ސަލާމަތީ ކަންކަން ފުރިހަމައަށް ބަލަހައްޓާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.


