Tuesday, 28 July 2026
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު -- ފޮޓޯ: ރައީސް އޮފީސް

އައްޑޫގެ އިޤްތިޞާދީ މަހާސިންތާގައި ބައިވެރިވުމަށް 500 އަށްވުރެ ގިނަ ފަރާތުން ރަޖިސްޓްރީކޮށްފި

އައްޑޫ ސިޓީއަކީ ވިޔަފާރިވެރިންގެ ހަބެއްގެ ގޮތުގައި ތަރައްޤީކޮށް، އެ ސިޓީގެ އިޤްތިޞާދަށް ހަލުވި ބަދަލުތަކެއް ގެނައުމަށްޓަކައި ސަރުކާރުން ބާއްވާ ޚާއްސަ މަހާސިންތާގައި ބައިވެރިވުމަށް 500 އަށްވުރެ ގިނަ ފަރާތުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެެއްޖެއެވެ. މި މަހާސިންތާއަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ދެއްވާފައިވާ އިސްކަމުގެ ދަށުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ސަޢީދު ވިދާޅުވީ، އައްޑޫ ސިޓީއަށް ހަލުވި ތަރައްޤީއެއް ގެނައުމަށްޓަކައި 2027 އިން 2029 އަށް ޚާއްސަ އިނާޔާތްތަކެއް ދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ. މި މަހާސިންތާގެ މައިގަނޑު ބޭނުމަކީ ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތަކާއި އެފަރާތްތަކުން އެންމެ ބޭނުންވާ ކަންކަން ދެނެގަތުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި މަހުގެ 13 އަދި 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މަހާސިންތާގައި އައްޑޫ އާއި މާލޭގައި ތިބި އައްޑޫގެ ވިޔަފާރިވެރިންގެ އިތުރުން، ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އިމާރާތްކުރުން ފަދަ ދާއިރާތަކުގެ ފަންނީ ބޭފުޅުން ބައިވެރިވާނެއެވެ. މީގެ އިތުރުން ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުގެ އިސް ބޭފުޅުންވެސް މި ޑައިލޮގްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި މަޝްރޫޢަކީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި، އައްޑޫގައި މި މޮޑެލް ކާމިޔާބުކަމާއެކު ތަންފީޒުކުރެވިއްޖެނަމަ، ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް މިފަދަ އިޤްތިޞާދީ މޮޑެލްތައް ތަޢާރަފްކުރުމަކީ ސަރުކާރުގެ ބޮޑު މަޤްސަދެއް ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *