ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގީ" ފޭސް 3 ގެ ދަށުން ހިންގި ހާއްސަ ހަރަކާތެއްގައި 254 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަނަކީ ބަޔޯމެޓްރިކްސް ދިނުމަށް އުޒުރުވެރިވާ ފަރާތްތަކާއި، ގަވާއިދާ ހިލާފަށް މަސައްކަތްކުރާ އަދި އަމިއްލައަށް ވިޔަފާރި ހިންގާ ބިދޭސީން ދެނެގަތުމަށް ހިންގި ހަރަކާތެކެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަނުގައި އަތުލައިގަތް މީހުންގެ ތެރެއިން 72 މީހަކު ވަނީ ހާއްސަ ސަވައިލެންސްގެ ދަށަށް ލެވިފައެވެ. އަދި ލިޔެކިޔުންތައް ބެލުމަށްފަހު 96 މީހަކު ދޫކޮށްލާފައިވާއިރު، ވިސާގެ ގަވާއިދާ ހިލާފުވެފައިވާ 86 މީހަކު ވަނީ އަނބުރާ ގައުމަށް ފޮނުވާލުމަށްޓަކައި ޑިޓެންޝަންގައި ބަންދުކޮށްފައެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ސައްހަ މައުލޫމާތު އެއްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މޭ 2024 ގައި ފެށި މި އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 191,723 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ވަނީ ނަގާފައެވެ. ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެކްޓިވް ވޯކްޕާމިޓުގައި ތިބި ބިދޭސީންގެ 98 ޕަސެންޓު މީހުންގެ ބަޔޯމެޓްރިކްސް މިހާރު ނަގައި ނިމިފައިވާ ކަމަށެވެ.
"މީގެ ތެރޭގައި 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ހިމެނޭތީ، އެ މީހުންނަކީ ކާކުކަން ދެނެގަތުމުގެ ފުރުސަތު މިހާރު އޮންނާނެ،" ރައީސް ވިދާޅުވިއެވެ. ގާނޫނީ އިމުގެ ތެރެއަށް ވަނުމަށް ސަރުކާރުން ދިން މުހުލަތު މި މަހުގެ ދެވަނަ ދުވަހަށް ހަމަވެފައިވާއިރު، އިމިގްރޭޝަނުން ދަނީ ގަވާއިދާ ހިލާފަށް އުޅޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ވަރުގަދަކުރަމުންނެވެ.
ސަރުކާރުގެ އަމާޒަކީ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި، ގައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމެވެ. މި އޮޕަރޭޝަނަކީ އެ މަގްސަދު ހާސިލުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.


