Tuesday, 28 July 2026
ތެލަސީމިއާ ޕޭޝަންޓް ކެއާ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެމްބީއެސް

ދިވެހި ހެމަޓޮލޮޖިސްޓެއްގެ ބެލުމުގެ ދަށުން ތެލަސީމިއާ ސެންޓަރުގައި ޚިދުމަތް ދޭން ފަށަނީ

މި ޖޫން މަހުގެ ތެރޭގައި ދިވެހި ހެމަޓޮލޮޖިސްޓެއްގެ ބެއްލެވުމުގެ ދަށުން ތެލަސީމިއާ ސެންޓަރުގެ ޚިދުމަތްތައް ދޭން ފަށާނެ ކަމަށް މާލެ ސިޓީ އޮފް ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާޤް ހަލީމް ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރާ ދުނިޔޭގެ ތެލަސީމިއާ ދުވަހާ ގުޅިގެން ދެއްވި މެސެޖުގައި އޭނާ ވިދާޅުވީ، އައިޖީއެމްއެޗްގެ އެހީތެރިކަމާއެކު މި ޚިދުމަތް ފެށުމަށް މިހާރު ޚާއްސަ ޑޮކްޓަރަކު ރެކްރޫޓްކޮށްފައިވާ ކަމަށެވެ.

ތެލަސީމިއާ ކުދިންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި އެތެރެހަށީގެ ބަލިތަކާއި ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ އޮންކޯލް ޚިދުމަތްވެސް ސެންޓަރުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ލޭގެ ރައްކާތެރިކަން ބައިނަލްއަޤްވާމީ މިންގަނޑަށް ފެއްތުމަށްޓަކައި ހަދާ "ނެޓް" ޓެސްޓިންގ ގެ ޚިދުމަތް ޖުލައި މަހުގެ ނިޔަލަށް ތައާރަފްކުރެވޭނެ ކަމަށް ސީއީއޯ ފާހަގަކުރެއްވިއެވެ.

ސަރުކާރުން ވަނީ ތެލަސީމިއާ ކުދިންގެ ލާބައަށްޓަކައި މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ތެލަސީމިއާ ސެންޓަރު އޮރެންޖް ހިޔާއަށް ބަދަލުކުރުމާއި، ކުދިންނަށް ޚާއްސަ އެލަވަންސެއް ދޭން ފެށުމުގެ އިތުރުން، 32 އަހަރަށްފަހު ހުކުރު ދުވަހުވެސް ސެންޓަރުން ޚިދުމަތް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި މިއަހަރުގެ ތެރޭގައި ލިވަރ ފައިބްރޯސިސް ސްކޭންގެ ޚިދުމަތާއި އަންހެނުންގެ ޚާއްސަ ބަލިތަކުގެ ކޮންސަލްޓެންޓުންގެ ޚިދުމަތްވެސް ތައާރަފްކުރުމަށް ވަނީ ރޭވިފައެވެ.

މިއަހަރުގެ މިހާތަނަށް ހަތަރު ކުއްޖަކު ތެލަސީމިއާ ކުދިންގެ ގޮތުގައި އުފަންވެފައިވާތީ، އެކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަން ސީއީއޯ ފާހަގަކުރެއްވިއެވެ. މި ބަލި ކޮންޓްރޯލްކުރުމަށްޓަކައި ކައިވެނީގެ ކުރިން ދެވޭ ކައުންސިލިން ހިމެނޭހެން، މައުލޫމާތާއި އިރުޝާދު ފޯރުކޮށްދޭނެ ޚާއްސަ ނިޒާމެއް މިއަހަރުގެ ތެރޭގައި ގާއިމުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *