ތެލަސީމިއާ ކުދިންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި އެތެރެހަށީގެ ބަލިތަކާއި ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ އޮންކޯލް ޚިދުމަތްވެސް ސެންޓަރުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ލޭގެ ރައްކާތެރިކަން ބައިނަލްއަޤްވާމީ މިންގަނޑަށް ފެއްތުމަށްޓަކައި ހަދާ "ނެޓް" ޓެސްޓިންގ ގެ ޚިދުމަތް ޖުލައި މަހުގެ ނިޔަލަށް ތައާރަފްކުރެވޭނެ ކަމަށް ސީއީއޯ ފާހަގަކުރެއްވިއެވެ.
ސަރުކާރުން ވަނީ ތެލަސީމިއާ ކުދިންގެ ލާބައަށްޓަކައި މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ތެލަސީމިއާ ސެންޓަރު އޮރެންޖް ހިޔާއަށް ބަދަލުކުރުމާއި، ކުދިންނަށް ޚާއްސަ އެލަވަންސެއް ދޭން ފެށުމުގެ އިތުރުން، 32 އަހަރަށްފަހު ހުކުރު ދުވަހުވެސް ސެންޓަރުން ޚިދުމަތް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި މިއަހަރުގެ ތެރޭގައި ލިވަރ ފައިބްރޯސިސް ސްކޭންގެ ޚިދުމަތާއި އަންހެނުންގެ ޚާއްސަ ބަލިތަކުގެ ކޮންސަލްޓެންޓުންގެ ޚިދުމަތްވެސް ތައާރަފްކުރުމަށް ވަނީ ރޭވިފައެވެ.
މިއަހަރުގެ މިހާތަނަށް ހަތަރު ކުއްޖަކު ތެލަސީމިއާ ކުދިންގެ ގޮތުގައި އުފަންވެފައިވާތީ، އެކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަން ސީއީއޯ ފާހަގަކުރެއްވިއެވެ. މި ބަލި ކޮންޓްރޯލްކުރުމަށްޓަކައި ކައިވެނީގެ ކުރިން ދެވޭ ކައުންސިލިން ހިމެނޭހެން، މައުލޫމާތާއި އިރުޝާދު ފޯރުކޮށްދޭނެ ޚާއްސަ ނިޒާމެއް މިއަހަރުގެ ތެރޭގައި ގާއިމުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.


