ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، އިންތިހާބަށް ކޮށްފައިވާ އިއުލާނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ހަރަކާތްތަކަށް ހުރަސްއެޅޭ ގޮތަށް ނެރެފައިވާ އިއުލާނެއް ކަމަށެވެ. އަދި އެމްޑީޕީގެ އިންތިހާބީ ކޮމިޓީގެ ނިންމުމަކީ ޕާޓީގެ ގަވާއިދުތަކާއި ގާނޫނުއަސާސީގެ އިތުރުން، ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ އިންސާފުގެ ހަމަތަކާ ފުށުއަރާ ނިންމުމެއް ކަމަށް ވެސް ދައުވާގައި ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން، ވޯޓުލުމުގެ ހައްގު ލިބިގެންވާ މެމްބަރުން ކަނޑައެޅުމުގައި ކުއްލި ސުންގަޑިއެއް ކަނޑައެޅުމަކީ މެމްބަރުންގެ ގާނޫނީ ހައްގުތަކަށް އުނިކަން އަންނަ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ. ޝާއިރު އެދިވަޑައިގެންފައިވަނީ އިންތިހާބުގެ އިއުލާން ބާތިލްކޮށް، އިންތިހާބުގެ ހުރިހާ ކަމެއް ހިންގުމުގެ މަސްއޫލިއްޔަތު ޕާޓީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސާ ހަވާލުކޮށްދިނުމަށެވެ.
އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ މި އިންތިހާބުގައި ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އަދި އިބްރާހިމް މުހައްމަދު (ވާޑު) އެވެ. މި އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، ކެންޑިޑޭޓުންގެ މެދުގައި ބަހުގެ ހަމަލާތައް ވެސް ދަނީ ބަދަލުކުރެވެމުންނެވެ.


