Tuesday, 28 July 2026
ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އޭޑީއެޗްޑީގެ ފަރުވާއަށް ބޭނުންކުރާ ބޭސް، މަނާ ޑްރަގުތަކުގެ ލިސްޓުން އުނިކުރަން މަޖިލީހަށް ފޮނުވައިފި

އެޓެންޝަން ޑެފިސިޓް ހައިޕާއެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ) ހުންނަ ކުދިންގެ ފަރުވާއަށް ބޭނުންކުރާ މުހިންމު ބޭހެއް ކަމަށްވާ "މިތައިލްފެނިޓޭޑް"، ރާއްޖޭގައި ބޭނުންކުރުން މަނާ ޑްރަގުތަކުގެ ލިސްޓުން އުނިކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބޭހަކީ ކަންކަމަށް ސަމާލުކަން ދިނުން ކުޑަވުމާއި ހަލަނިވުން ފަދަ އޭޑީއެޗްޑީގެ އަލާމާތްތަކަށް ދޭ މުހިންމު ފަރުވާއެކެވެ.

މި ބޭސް މިހާތަނަށް ރާއްޖޭގެ ގާނޫނުގައި ބަޔާންކޮށްފައި އޮތީ މަސްތުވާއެއްޗެއްގެ ގޮތުގައެވެ. އެހެންކަމުން، އެއީ ރާއްޖެއަށް އެތެރެކުރުން މަނާ އެއްޗަކަށް ވުމުން، އެ ފަރުވާ ބޭނުންވާ ގިނަ އަދަދެއްގެ ކުދިންނަށް ބޭސް ލިބުމުގައި ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. މި މައްސަލައިގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ 47 ބެލެނިވެރިންގެ ސޮޔާއެކު މަޖިލީހަށް ކަންބޮޑުވުން ހުށަހަޅުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ނެޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ލަފަޔާ އެކު ވަޒީރުންގެ މަޖިލީހުގައި މިކަމާ މެދު މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި މަނާ ބޭސްތަކުގެ ލިސްޓުން މި ބޭސް އުނިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާތީ، އެކަމަށް މަޖިލީހުގެ ރުހުން ހޯދުމަށް މިހާރު ވަނީ ހުށަހަޅާފައެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވެސް ވަނީ މިއީ އޭޑީއެޗްޑީގެ ފަރުވާއަށް ސައިންޓިފިކަލީ ކަށަވަރުވެފައިވާ ރަނގަޅު ބޭހެއްކަން ހާމަކޮށްފައެވެ. އެ އޮތޯރިޓީން ވެސް މީގެ ކުރިން ވަނީ މި ބޭސް މަނާ ތަކެތީގެ ލިސްޓުން އުނިކޮށްދިނުމަށް އެދިފައެވެ. މި ބޭހަކީ އޭޑީއެޗްޑީ ހުންނަ ކުދިންގެ އާންމު ދިރިއުޅުމަށާއި ކިޔެވުމަށް ކޮންމެހެން ބޭނުންވާ އަސާސީ ފަރުވާއެކެވެ.

މި އިސްލާހު މަޖިލީހުން ފާސްވުމުން، އޭޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާ މިތައިލްފެނިޓޭޑް ގާނޫނީ އޮނިގަނޑުގެ ތެރެއިން ރާއްޖެއަށް އެތެރެކޮށް، ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިވެގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *