ކުރިޔަށް އޮތް ހަތަރު މަސް ދުވަހު، އާންމުކޮށް އެ ދުވަސްވަރު ވާރޭ ވެހޭ މިންވަރަށް ވުރެ އިތުރަށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ލަފާކޮށްފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން އާންމު ކުރި މޫސުން ލަފާކުރާ ގޮތުގެ ތަފްސީލީ ރިޕޯޓުގައިވާ ގޮތުން، ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް އާންމުކޮށް ވާރޭވެހޭ ވަރަށް ވުރެ އިތުރަށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މީގެ އިތުރުން އެ ދުވަސްވަރު ރާއްޖޭގެ ފިނިހޫނުމިން ވެސް އާންމު މިންގަނޑަށް ވުރެ މަތިވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ބުނީ މޫސުން ލަފާ ކުރާ ގޮތް އާންމު ގޮތެއްގައި ތައްޔާރު ކުރަނީ އޭޕްރީލް މަހުގެ މޫސުމީ ހާލަތުގެ އިތުރުން މޫސުމަށް ބަދަލު އައުމަށް މެދުވެރިވާ ސަބަބުތަކަށް ރިއާޔަތް ކޮށްގެން ކަމަށެވެ. އެ ގޮތްތަކަށް ބަލާއިރު ކުރިއަށް އޮތް ހަތަރު މަހުގައި ވެސް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ވެސް ފިނިހޫނުމިން އާންމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެ ކަމަށް ބެލެވޭ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ވަނީ މޫސުމަށް އަންނަ ބަދަލުތައް މެދުކެނޑުމެއްނެތި މޮނިޓާ ކުރާނެ ޔަގީންކަން ދީފައެވެ. އަދި މޫސުމީ ހާލަތަށް އަންނަ ބަދަލުތަކާ ގުޅިގެން، ކޮންމެ މަހަކުވެސް ވާރޭވެހޭނެ މިންވަރާއި ފިނިހޫނުމިނަށް އަންނާނެ ބަދަލުތައް ލަފާކުރާގޮތް އަދާހަމަކުރަމުން ގެންދާނެކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.
ވޭތުވެދިޔަ މާރިޗު އަދި އޭޕްރީލް މަހަކީ ރާއްޖެއަށް ހޫނުމިން ރެކޯޑް މިންވަރަކަށް ގަދަވި ދުވަސްވަރެކެވެ. އެހެންނަމަވެސް މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގެ މޫސުން ގޯސްވެ، ވިއްސާރަކުރަން ފަށާފައެވެ.


