މި އިންތިހާބުގައި ކެންޑިޑޭޓް ނަންބަރު އެކެއްގެ ގޮތުގައި ވާދަކުރައްވަނީ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. ކެންޑިޑޭޓް ނަންބަރު ދޭއް އިބްރާހިމް މުހައްމަދު (ވާޑު) އަށް ދީފައިވާއިރު، ކެންޑިޑޭޓް ނަންބަރު ތިނެއްގެ ގޮތުގައި ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެވެ. ކުރިން މި މަގާމަށް ވާދަކުރައްވާނެ ކަމަށް އިއުލާނުކުރެއްވި އަލްހާން ފަހުމީ ވަނީ ފަހުން ނަން އަނބުރާ ގެންދަވާފަ އެވެ.
އިންތިހާބުގެ ފޯރި ގަދަވެފައިވަނީ މައިގަނޑު ގޮތެއްގައި ރައީސް ނަޝީދާއި މީކާއިލް ނަސީމާ ދެމެދުގަ އެވެ. ޕާޓީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަނެއް ތަމްސީލުކުރައްވާ މި ދެ ބޭފުޅުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރެވެމުންދާއިރު، ތިންވަނަ ކެންޑިޑޭޓް އިބްރާހިމް މުހައްމަދަކީ ނަޝީދު ފެކްޝަނަށް ނިސްބަތްވާ ބޭފުޅެއް ކަމަށް މައުލޫމާތު ލިބެ އެވެ.
ކެންޑިޑޭޓުންގެ ނަންތައް އިއުލާނުކުރި ނަމަވެސް، ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވަނީ މާލީ ދަތިތަކާއި ޕާޓީގެ މަސްލަހަތަށްޓަކައި އިންތިހާބު ރިޔާސީ ޕްރައިމަރީގެ ފަހަށް ފަސްކުރުމަށް ހުށަހަޅުއްވާފަ އެވެ. ނަމަވެސް މި ހުށަހެޅުމާ މެދު ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތައް އުފެދިފައިވާއިރު، މައިގަނޑު ދެ ކެންޑިޑޭޓުން ވެސް ވަނީ އިންތިހާބު ފަސްކުރުމާ ދެކޮޅު ހައްދަވާފަ އެވެ.
މި އިންތިހާބު ފަސްކޮށްފި ނަމަ، މިއީ ޗެއާޕާސަން ހޮވުން ފަސްކުރާ ދެވަނަ ފަހަރަށް ވާނެ އެވެ. މީގެ ކުރިން މިދިޔަ ޑިސެމްބަރު މަހު ވެސް ވަނީ ލޯކަލް ކައުންސިލް އިންތިހާބަށް ފުރުސަތު ދިނުމުގެ ގޮތުން މި އިންތިހާބު ފަސްކޮށްފަ އެވެ. މިހާރު ތާވަލުކޮށްފައިވާ ގޮތަށް އިންތިހާބު ކުރިއަށްދާނެ ކަމަށް ބެލެވެނީ ގައުމީ މަޖިލީހުން ވަކި ގޮތެއް ނިންމުމުންނެވެ.


