ބަންދު މީހުން ތިބޭ މަރުކަޒަކަށް އެތެރެކުރުން މަނާތަކެތި މާފުށީ ޖަލަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އެ މީހާ ހައްޔަރުކުރީ އިއްޔެ ކ. މާފުށީ ޖަލުގެ ގޭޓު ކައިރިން ކަމަށެވެ. ހައްޔަރުކުރީ ރ. މަޑުއްވަރި / މާސް، މުޙައްމަދު ޝަހީރު (28އ) އެވެ. އޭނާއަށް ކުރަނީ ބަންދު މީހުން ތިބޭ މަރުކަޒަކަށް އެތެރެކުރުން މަނާތަކެތި މާފުށީ ޖަލަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތެވެ.
އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު 17 ސްމާޓް ފޯނާއި، 35 ޗާޖިންގ ކޭބަލާއި، 29 ޖޮއިންޓާއި، އެޑަޕްޓަރަކާއި، ހަތަރު ކައްޓާއާއި، ޕެން ޑްރައިވްގެ އިތުރުން އެހެނިހެން ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އޭނާ ހައްޔަރުކުރުމަށް ފަހު ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލަ ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.


