ޒިންމާދާރު ނޫސްވެރިކަމަކީ ރައްޔިތުން ބާރުވެރިކުރުވުމަށާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ފުރުޞަތު ފަހިކޮށްދިނުމަށާއި، ދެފުށް ފެންނަ ޖަވާބުދާރީވަނިވި ދިމިޤްރާޠީ ނިޒާމެއް ކަށަވަރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ މީޑިއާ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި ނޫސްވެރިން ކުރަމުންދާ ބުރަ މަސައްކަތާއި ދެމުންދާ ޚިދުމަތުގެ އަގު ވަޒަންކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، މީޑިއާއަކީ ދައުލަތުގެ ތިން ބާރު ގުޅުވައިދޭ ހަތަރުވަނަ ބާރުކަން ފާހަގަކުރެއްވިއެވެ. އިސްލާމްދީނުގައި ބަސްބުނުމުގެ މިނިވަންކަމަށް ދީފައިވާ މަތިވެރި ޤަދަރަށް އަލިއަޅުއްވާލައްވަމުން، އެ މިނިވަންކަމަކީ އަޚްލާޤީ މިންގަނޑުތަކަކާއި ހުދޫދުތަކެއް ކަނޑައެޅިފައިވާ ކަމެއްކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ. އެގޮތުން އިޖުތިމާޢީ މަޞްލަޙަތާއި، އަމަންއަމާންކަމާއި، އިންސާނީ ކަރާމާތް ހިމާޔަތްކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.
ނޫސްވެރިންނަށް ރައްކާތެރި އަދި މަސައްކަތްކުރެވޭނެ ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަކީ ސަރުކާރުގެ އިސް ސިޔާސަތެއްކަން ހާމަކުރައްވަމުން، ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެ ޙައްޤުތައް ދެމެހެއްޓުމަށް ރައީސް މުޢިއްޒު ވަޢުދުވެވަޑައިގެންނެވިއެވެ. އަދި "މޯލްޑިވްސް 2.0″ އިނީޝިއޭޓިވްގެ ދަށުން މަޢުލޫމާތު ފެތުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ނޫސްވެރިންނަށް އިތުރު ފަހި ފުރުޞަތުތަކެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
މީޑިއާ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. މީގެ ތެރޭގައި ނޫސްވެރިކަމަކީ އަބުރުވެރި އަދި ދެމެހެއްޓެނިވި އާމްދަނީއެއް ލިބޭ ފަންނަކަށް ހެދުމާއި، މީޑިއާގެ ހިންގުމަށް ކުރިމަތިވާ މާލީ ދަތިތަކަށް ޙައްލު ހޯދައިދިނުން ހިމެނެއެވެ. އަދި ނޫސްވެރިކަމުގެ ދާއިރާއިން ތަޢުލީމީ ޖީލެއް ބިނާކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އިނގިރޭސި ބަހުން ދެއްވި މެސެޖުގައި، މިނިވަން ނޫސްވެރިކަމަކީ ދިމިޤްރާޠީ ނިޒާމު ވަރުގަދަކޮށް، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެއަކީ މަޢުލޫމާތަށް ހޭލުންތެރި، ހުޅުވާލެވިފައިވާ މުޖުތަމަޢަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.


