Tuesday, 28 July 2026
މިނިސްޓަރ ޝިޔާމް---ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ރާއްޖޭގެ އިތުރު ނުވަ ސަރަޙައްދަކުން މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދޭން ފަށައިފި

ރާއްޖޭގެ އިތުރު ނުވަ ސަރަޙައްދަކުން މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށް މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިހާރު ޚިދުމަތް ދެމުންދާ ތަންތަނުގެ އިތުރުން އެފްއެސްއެމްގެ ސްކިޑް ގާއިމްކޮށްފައިވާ އިތުރު 9 ރަށަކުން މިހާރު އަގުހެޔޮކޮށް ތެޔޮ ލިބޭނެ ކަމަށެވެ.

މީގެ ކުރިން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ދޫކުރަމުން އައީ ފެލިވަރު، އައްޑޫ ހުޅުދޫ، ކޫއްޑޫ، ހިންމަފުށި އަދި ހުޅުމާލެ ޖެޓީގައި ހުންނަ މިފްކޯ އަދި އެފްއެސްއެމްގެ ޝެޑްތަކުންނެވެ. ނަމަވެސް ސަރުކާރުން މި ޕްރޮގްރާމް އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާރު ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން މި ލުއި މަސްވެރިންނަށް ލިބޭނެ ގޮތް ހަމަޖައްސާފައެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، މަސްވެރިން މިވަގުތު އެންމެ ގިނައިން ހަރަކާތްތެރިވާ އަތޮޅުތަކުގެ ތެރޭގައި ހިމެނޭ ލ. އަތޮޅާއި، މ. އަތޮޅު އަދި ތ. އަތޮޅުގައިވެސް އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. "މިވަގުތު މި އޮތީ ލާމާ ތާއާ މީމާ، މި ތިން އަތޮޅަށްވެސް ހައްލެއް އިރާދަކުރެއްވިއްޔާ މި ހަފްތާ ތެރޭގައި އަޅުގަނޑުމެން ހޯދުމަށްޓަކައި މަސައްކަތް ކުރަމުން މިދަނީ،" ވަޒީރު ވިދާޅުވިއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، އޭގެ ނޭދެވޭ އަސަރު މަސްވެރިންނަށް ކުރިޔަ ނުދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވާފައިވާ އިރުޝާދުގެ މަތިން، މަސްވެރިކަމުގެ ސިނާއަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން އަންނަނީ މަސްވެރި އުޅަނދުފަހަރަށް ހާއްސަ އަގުތަކެއްގައި ޑީސަލް ފޯރުކޮށްދެމުންނެވެ.

މިދިޔަ މާރޗް މަހުން ފެށިގެން އަތޮޅުތެރޭގެ ބައެއް ސަރަހައްދުތަކުގައި މި ޚިދުމަތް ދޭން ފަށާފައިވާއިރު، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތިބި މަސްވެރިންނަށްވެސް ފަސޭހަކަމާއެކު ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ފުރިހަމައަށް ގާއިމްކުރުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *