އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ 30 ވަނަ ބައްދަލުވުން މި މަހުގެ 4 އިން 15 އަށް ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. ބާސެލޯ ނަސަންދުރާގައި ބާއްވާ މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ގައުމުތަކުން 200 އަށްވުރެ ގިނަ މަންދޫބުންނާއި މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވާނެއެވެ.
މިއީ އައި.އޯ.ޓީ.ސީގެ ކޮމިޝަން ބައްދަލުވުމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މި ފުރުސަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރައްވާ މަސައްކަތުގެ ނަތީޖާއެކެވެ. މި ބައްދަލުވުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސާފައިވާއިރު، މީގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ދައުރު ހަރުދަނާވެ، މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވެއެވެ.
މައި ބައްދަލުވުމުގެ އިތުރުން، އައި.އޯ.ޓީ.ސީގެ ދަށުން ހިންގާ މުހިންމު އެހެނިހެން ކޮމިޓީތަކުގެ ބައްދަލުވުންތައް ވެސް ރާއްޖޭގައި ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
– ކޮމްޕްލަޔަންސް ކޮމިޓީގެ 23 ވަނަ ބައްދަލުވުން
– އިދާރީ އަދި މާލީ ކަންކަމާ ބެހޭ ކޮމިޓީގެ 23 ވަނަ ބައްދަލުވުން
– މެނޭޖްމަންޓް ޕްރޮސީޖަރސްއާ ބެހޭ ޓެކްނިކަލް ކޮމިޓީގެ 10 ވަނަ ބައްދަލުވުން
މިފަދަ މުހިންމު ބައްދަލުވުންތަކެއް ރާއްޖޭގައި ބޭއްވުމަކީ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި މަސްވެރިކަމުގެ ސިޔާސަތުތައް ކަނޑައެޅުމުގައްޔާއި، އެ ދާއިރާ ހިންގާ ބެލެހެއްޓުމުގައި ރާއްޖެއިން އަދާކުރާ އިސްދައުރު ހާމަކޮށްދޭ ކަމެކެވެ. އައި.އޯ.ޓީ.ސީއަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ ޒިންމާ އުފުލާ މައި އިދާރާއެވެ.
މި ބައްދަލުވުންތަކުގައި މަސްވެރިކަން ކުރާނެ މިންގަނޑުތަކާއި، ވަސީލަތްތައް ރައްކާތެރިކުރުމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން މުހިންމު ނިންމުންތަކެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ


