Tuesday, 28 July 2026
ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ބޭސް ލިބުން ދަތިވާ މައްސަލައިގައި އެސްޓީއޯ އާއި ސްޓޭޓް ފާމާ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި

ރާއްޖެއިން ބޭސް ލިބުން ދަތިވާ މައްސަލައިގައި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓް ފާމާ) ގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

މި މައްސަލައަކީ ބަލި މީހުންނަށް ބޭނުންވާ ބޭސް ރާއްޖެއިން ނުލިބުމާއި، ލިބެން ހުންނަ ބޭސްވެސް ހޯދުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާތީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި މައްސަލައެކެވެ. މި މައްސަލައާ ގުޅޭގޮތުން ކޮމިޓީގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފުޅާ ދާއިރާއެއްގައި ބަހުސްކޮށްފައެވެ.

މެންބަރު މުހައްމަދު އިބްރާހިމް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއިން ނުލިބޭ ބޭސް ބޭރުން ގެނައުމުގައި އެސްޓީއޯއާ މުއާމަލާތް ކުރުމުގައި އާންމުންނަށް ބޮޑެތި އޮޅުންތަކެއް އަރަމުންދެއެވެ.

"އެކަމުގެ ސަބަބުން ބޭހަށް އޯޑަރު ނުދެވި، ބޭސް ނުލިބުމުގެ ސަބަބުން ބޭސް ބޭނުންވާ މީހުން ހާސްކަމެއްގެ ތެރެއަށް ގޮސް، އެތައް މައްސަލަތަކެއް ކުރިމަތިވަމުންދޭ،" ކަމަށް މެންބަރު ވިދާޅުވިއެވެ. އަދި މިފަދަ ދަތިތައް އަމިއްލަ ގޮތުންވެސް ތަޖުރިބާ ކުރައްވާފައިވާ ކަމަށް މެންބަރު މުހައްމަދު އިބްރާހިމް ވިދާޅުވިއެވެ.

މި މައްސަލައިގައި އިތުރަށް މައުލޫމާތު ސާފުކުރުމަށް އެސްޓީއޯ އާއި ސްޓޭޓް ފާމާގެ ބޭފުޅުން ހާޒިރުކުރުމަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ. މި ހުށަހެޅުމަށް މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު ވަނީ ތާއީދު ކުރައްވާފައެވެ.

އެސްއޯއީ ކޮމިޓީން ނިންމާފައިވަނީ މިދިޔަ މަހުގެ ފަސްވަނަ ދުވަހު އެ ކުންފުނިތަކުގެ ބޭފުޅުން ހާޒިރުކޮށް، މައުލޫމާތު އޮޅުންފިލުވުމަށްފަހު މި މައްސަލައިގައި ކޮމިޓީން ވަކި ގޮތެއް ކަނޑައެޅުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *