Tuesday, 28 July 2026

ކެތްތެރީންނަށް މާތް ﷲ ވަޢުދުވެވޮޑިގެންފައިވަނީ ސުވަރުގެ: ހުތުބާ

މުޞީބާތް ޖެހުމުން ކެތްތެރިނުވެ، އަމިއްލަ ނަފުސަށް ގެއްލުންދިނުން ހުއްދަވާ އެއްވެސް ސަބަބެއް ނުވޭ ކަމަށާއި، ކެތްތެރީންނަށް މާތް ﷲ ވަޢުދުވެވޮޑިގެންފައިވަނީ ސުވަރުގެކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއުއަކީ "ނަފުސާއި އަބުރަށް ރައްކާތެރިވާށެވެ!" މިއެވެ.

ޚުތުބާގައި ބަޔާންކުރި ގޮތުގައި، މާތް ﷲ ވަނީ އާދަމުގެ ދަރިން އެހެން ހުރިހާ މަޚްލޫޤުންގެ މައްޗަށް މާތްކުރައްވާފައެވެ. އަދި ޙައްޤަކާ ނުލައި ނަފުސެއް މެރުމަކީ ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ކަމެއްކަން ފާހަގަކޮށް، ދިރިއުޅުމުގައި ދިމާވާ މުޞީބާތްތަކަކީ އިންސާނާ އިމްތިޙާނުކުރެއްވުމަށް މެދުވެރިކުރައްވާ ކަންކަން ކަމުގައި ޚުތުބާގައި ބުންޏެވެ.
"މުޞީބާތް ޖެހުމުން ކެތްތެރިނުވެ، އަމިއްލަ ނަފުސަށް ގެއްލުންދިނުން ހުއްދަވާ އެއްވެސް ސަބަބެއް ނުވޭ. ކެތްތެރީންނަށް މާތް ﷲ ވަޢުދުވެވޮޑިގެންފައިވަނީ ސުވަރުގެ،"

އަމިއްލައަށް މަރުވާ މީހުންގެ މައްޗަށް ރަސޫލާ (ޞޢވ) ކަށުނަމާދު ނުކުރައްވާކަން ފާހަގަކޮށް، ޚުތުބާގައި ބުނީ އެއީ އެފަދަ ނުބައި ޢަމަލުތަކުން މީސްތަކުން ދުރުހެލިކުރުވުމަށް ކުރެއްވި ކަމެއް ކަމަށެވެ. ނަމަވެސް، ޢިލްމުވެރިންގެ ބަހަކީ އެފަދަ މީހުން ހިނަވައި ކަފުންކޮށް، އާންމު މުސްލިމުން އޭނާގެ މައްޗަށް ކަށުނަމާދު ކުރަންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، މުޖުތަމަޢުގެ އިސްވެރިންނާއި ހެޔޮލަފާ މީހުން އެކަމުގެ ނުރުހުން ހާމަކުރުމުގެ ގޮތުން ކަށުނަމާދުގައި ބައިވެރިނުވުން އެދެވިގެންވާ ކަމަށް ޚުތުބާގައި ބުންޏެވެ.

މިއަދުގެ މުޖުތަމަޢުގައި ފެތުރެމުންދާ 'ގަނާކުރުން' ނުވަތަ ބުލީކުރުމުގެ ވަބާއާ ބެހޭގޮތުން ޚުތުބާގައި ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. މީހުންނަށް ފުރައްސާރަކުރުމާއި، ހަނގާކުރުމަކީ އަބުރަށް އަރައިގަތުން ކަމަށާއި، އެއީ ނަރަކައިގެ ޢަޛާބު ލިބިދާނެ ކަމެއްކަން ހަނދާންކޮށްދިނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *