ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ހީވާގި މަސައްކަތްތެރިންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިޔާ މެދުވެރިކޮށް ރައީސް ފޮނުއްވި މެސެޖުގައި ފާހަގަކުރައްވާފައިވަނީ، އަމިއްލަ ނަފްސާއި ޢާއިލާގެ ފުދުންތެރިކަމަށްޓަކައި، އަދި ޤައުމުގެ ލާބައާއި މަންފާއަށްޓަކައި ކޮންމެ ދާއިރާއެއްގައި ބުރައުފުލާ މަސައްކަތްތެރިއަކީވެސް ޝަރަފްވެރިއެއް ކަމަށެވެ.
އަދި ދިވެހިރާއްޖެ މިއަދު މިދެކޭ ހުރިހާ ކުރިއެރުންތަކެއް މި ޤައުމަށް ގެނެސްދިނީ ހީވާގި މަސައްކަތްތެރިން ކަމަށާއި، މާދަމާއަށް ދިވެހީންކުރާ އުންމީދުތައް ހަގީގަތަކަށް ހަދައިދެވޭނީވެސް މި މަސައްކަތްތެރިންގެ ބުރަ މަސައްކަތުންކަން ވަނީ ފާހަގަކުރައްވާފައެވެ.
"އަމިއްލަ ނަފްސާއި ޢާއިލާގެ ފުދުންތެރިކަމަށްޓަކައި، އަދި ޤައުމުގެ ލާބައާއި މަންފާއަށްޓަކައި ކޮންމެ ދާއިރާއެއްގައި ބުރައުފުލާ މަސައްކަތްތެރިއަކީވެސް ޝަރަފްވެރިއެއް. މި ޤައުމުން އަގުވަޒަން ކުރާނެ ޚިދުމަތްތެރިއެއް،"މެސެޖުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، މަސައްކަތްތެރިން ކުރަމުންދާ އަގުހުރި ޚިދުމަތްތަކަށްޓަކައި ހިތުގެ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން، މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމާއި އެފަރާތްތަކުގެ އަގު ވަޒަންކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.


