Tuesday, 28 July 2026
ފިތުރު ޒަކާތް ނެގުން | ފޮޓޯ: ރާއްޖެ އެމްވީ

މުދަލު ޒަކާތުގެ ގޮތުގައި 45.3 މިލިއަން ރުފިޔާ ލިބިއްޖެ

2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި މުދަލު ޒަކާތުގެ ގޮތުގައި 45.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

ޒަކާތު ހައުސްއިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހު މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 45,329,118.85 ރުފިޔާލިބިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު 34,854,157.67 ރުފިޔާއާ އަޅާބަލާއިރު 30.1 އިންސައްތައިގެ އިތުރުވުމެކެވެ.

ވޭތުވެދިޔަ ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މުދަލު ޒަކާތުގެ ގޮތުގައި ލިބޭ މިންވަރު ދަނީ އެއްވަރެއްގައި އިތުރުވަމުންނެވެ. އެގޮތުން 2024 ވަނަ އަހަރު 23.56 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2025 ވަނަ އަހަރު މި އަދަދު ވަނީ 34.85 މިލިއަން ރުފިޔާއަށް އަރާފައެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތިން މަހަށް ވަކިން ބަލާއިރު، އެންމެ ގިނައިން ޒަކާތް ލިބިފައިވަނީ މާޗް މަހުގައެވެ.

ޒަކާތު ފަންޑުން ކުރި ހޭދަތައް

ޒަކާތު ފަންޑުން އިޖުތިމާއީ އަދި ދީނީ ކަންކަމަށް ކުރި ހޭދަތަކުގެ ތަފްސީލު ވެސް ޒަކާތު ހައުސްއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ބޭސްފަރުވާ، އަސާސީ ބޭނުންތައް، ރަމަޟާން މަހުގެ އެހީ، އަދި ތައުލީމީ އެހީ ފަދަ ކަންކަމަށް ޖުމްލަ 13,379,720.58 ރުފިޔާ ހޭދަކޮށްފައިވެއެވެ.

މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައިވާ ފަރާތްތަކަށެވެ. އެއީ ގާތްގަނޑަކަށް 6.69 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ފީސަބީލިﷲ ބަޔަށް 5.5 މިލިއަން ރުފިޔާ، ޒަކާތު އާމިލުންނަށް 815,000 ރުފިޔާ، އަދި އިބްނުއްސަބީލް ބަޔަށް 363,000 ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

ޒަކާތުގެ ފައިސާ ދެމެހެއްޓެނިވި ގޮތެއްގައި އިތުރުކުރުމަށްޓަކައި ޖުމްލަ 41,078,781.90 ރުފިޔާ އިންވެސްޓުކޮށްފައިވާކައިރު، މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ "ދާރުއްސަލާމް"އަދި "ދާރުލްއަރުގަމް" ވަގުފު އިމާރާތްތައް ތަރައްގީކުރުމުގެ މަޝްރޫއުތަކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *