ރައީސްގެ ޚިޠާބުގައި، ސްކޫލް ދަރިވަރުންނަށް މަސައްކަތް ދަސްކޮށްދިނުމަށް ޚާއްޞަ ސަމާލުކަމެއްދީ، ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް ޤާއިމުކުރުމާއި، މުހިންމު ދާއިރާތަކުން މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ފައްޓަވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ފަންނާއި ހުނަރު ކުރިއެރުވުމަށް ހިލޭ އެހީ އާއި ލުއިލޯނު ދިނުން އިތުރުކޮށް، ދިވެހި އުފެއްދުންތަކަށް ބައިނަލްއަޤުވާމީ ބާޒާރުން ޖާގަ ހޯދައިދިނުމަށް އީ-ކޮމަރސް މަންސަތަކާއެކު މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
ބިދޭސީ މަސައްކަތްތެރީންގެ މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ބިދޭސީން ޤާނޫނަށް ފައްތައި ބެލެހެއްޓުމުގައި މި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އަދި ދިވެހީންނަށް ނޫނީ ނުކުރެވޭނެ މަސައްކަތްތަކާއި ވަޒީފާތައް ކަނޑައަޅައި، އެކަން ތަންފީޒުކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި، ޢުމުރުން 65 އަހަރުވުމަށް ފަހުވެސް ވަޒީފާ އަދާކުރަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތުތައް ހުޅުވާލާފައިވާކަން ރައީސް ބަޔާންކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މި ސަރުކާރަކީ މަސައްކަތްތެރީންގެ ކަންބޮޑުވުންތައް އެންމެ ގާތުން އަޑުއަހައި، ގިނަ ދުވަސްވީ މައްސަލަތަކަށް ޙައްލު ހޯދައިދެމުންދާ ސަރުކާރު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލެއްވީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި އުފެއްދުންތެރި އަދި ވަރުގަދަ އިޤްތިޞާދެއް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުންނެވެ. އަދި މަސައްކަތް ކުރެވޭނެ ކެރިކުޅަދާނަކަން ހުރި ހުރިހާ ދިވެހީން ޢަމަލީ މައިދާނަށް ނިކުތުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.


