ރައީސް އޮފީހުން މަޢުލޫމާތު ދެއްވާގޮތުގައި، އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސާނަޔަކަގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ކެބިނެޓުގެ ބައެއް ވަޒީރުންގެ އިތުރުން ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު ލަންކާގެ ރައީސާއެކު ރަސްމީ މަޝްވަރާތައް ބާއްވަވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާނެއެވެ. އަދި ދެ ޤައުމުގެ އިސްވެރިންގެ ހާޒިރުގައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށް، އެއްބަސްވުންތައް ބަދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ މިއަހަރަށް 61 އަހަރު ފުރޭއިރު، ދެ ޤައުމުގެ ދެމެދުގައި އޮންނަނީ ވަރަށް ގާތް ތާރީޚީ ގުޅުމެކެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، ލަންކާގެ ރައްޔިތުންނަށް ރާއްޖެއިން ތިން މަސްދުވަހުގެ އޮން-އެރައިވަލް ވިސާ ދޭން ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ.


