Tuesday, 28 July 2026
އަދަދުގެ މެނޭޖިން އެޑިޓަރު ޙަސަން މުޙައްމަދު (ހަސަނާ): --- ފޮޓޯ: އަދަދު

’އަދަދު' ނޫހުގެ އެޑިޓަރަށް ޖިނާއީ ފަސް ތުހުމަތެއް: ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން އުފެއްދި ޑޮކިއުމެންޓްރީއަކާ ގުޅިގެން، އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޖިނާއީ ފަސް ތުހުމަތެއް ފުލުހުން މިއަދު ކޮށްފިއެވެ. މި މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ހަސަން މިއަދު ވަނީ ސާޖެންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުކޮށްފައެވެ.

ހަސަންގެ ގާނޫނީ ވަކީލު ސައްޔާހު ހަލީލް ވިދާޅުވީ، އޭނާގެ މުވައްކިލަށް ކުރާ ތުހުމަތުތަކަކީ އެ ޑޮކިއުމެންޓްރީ ޝާއިއުކުރުމުގައި ބައިވެރިވުން އޮތް ކަމުގެ ތުހުމަތުތަކެއް ކަމަށެވެ. ނަމަވެސް، ހަސަން ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށް، ގާނޫނުއަސާސީން ލިބިދޭ ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައެވެ. ވަކީލު ފާހަގަކުރެއްވި ގޮތުގައި މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ ގޮތުން ކުރާ ކަމެކެވެ.

ހަސަންގެ މައްޗަށް ކުރާ ތުހުމަތުތައް:

1. ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާ: މީހަކު ކުރާ އަމަލަކަށް އެހެން މީހަކު ޒިންމާދާރުކުރުވުން ނުވަތަ ބައިވެރިވުމުގެ ޒިންމާ.
2. ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާގެ (ހ)ގެ 2: ބައިވެރިވުމުގެ ޒިންމާ.
3. ގާނޫނުލްއުގޫބާތުގެ 81 ވަނަ މާއްދާ: ކުށެއް ކުރުމަށް އެދުން.
4. ގާނޫނުލްއުގޫބާތުގެ 82 ވަނަ މާއްދާ: ކުށެއް ކުރުމަށް ރޭވުން.
5. ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާ: ގަޒުފްކުރުން.

މި މައްސަލައާ ގުޅިގެން ހަސަންގެ އިތުރުން 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވެސް މިއަދު ފުލުހަށް ހާޒިރުވާން ވަނީ އަންގާފައެވެ. އަދި ފިލާފާނެ ކަމަށް ބަލައި ކޯޓު އަމުރެއްގެ ދަށުން މި ދެ މީހުންގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފައެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން ވަނީ 'އަދަދު' ނޫހުގެ އޮފީސް ބަލައި ފާސްކޮށް، ނޫސްވެރިން ބޭނުންކުރާ ލެޕްޓޮޕް ފަދަ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ގެންގޮސްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *