އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ސްކޫލުގެ ލައިބްރަރީއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމުތަކުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.
އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، ފޭދޫ ސްކޫލް ލައިބްރަރީ ބޭރުގައި އަލިފާން ރޯވިކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 8:20 ހާއިރުއެވެ. މި މައުލޫމާތު ލިބުމާއެކު ހިތަދޫ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.
ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވައިލެވިފައިވަނީ މިއަދު ހެނދުނު 8:56 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށްވެސް އެ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ނުލިބުނު ކަމުގައިވިޔަސް، ސްކޫލުގެ ލައިބްރަރީއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެމްއެންޑީއެފުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ލައިބްރަރީގައި ހުރި ކަބަޑުތަކާއި ގިނަ އަދަދެއްގެ ފޮތްތައް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. މީގެ އިތުރުން އެތަނުގެ ދޮރާއި އޭސީ ޔުނިޓަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.


