ބައިނަލްއަގުވާމީ ހެޔޮވެރިކަމުގެ ސުލްހައިގެ މި އަހަރުގެ އެވޯޑު ނުވަތަ 3ޖީ ޕީސް އެވޯޑު، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކަށް ލިބިވަޑައިގެންފިއެވެ. މި އެވޯޑް އެމަނިކުފާނަށް އެރުވުނީ ސިންގަޕޫރުގެ ފޯސީޒަންސް ހޮޓަލުގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ގްލޯބަލް ގުޑް ގަވަނަންސް އެވޯޑްސް (ތްރީ ޖީ އެވޯޑްސް) އަކީ އިޖުތިމާޢީ ދުޅަހެޔޮކަމާއި، ދެމެހެއްޓެނިވި ތަރައްޤީ އަދި ދެފުށް ފެންނަ ހެޔޮވެރިކަމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް "ކޭމްބްރިޖް އައިއެފްއޭ" އިން ދޭ ބައިނަލްއަޤްވާމީ ޝަރަފުވެރި އެވޯޑެކެވެ. ކޭމްބްރިޖް އައިއެފްއޭ އަކީ މާލީ ދާއިރާގެ ދިރާސާތަކާއި އިސްތިރާތީޖީ ލަފާ ފޯރުކޮށްދޭ، ޚާއްސަކޮށް އިސްލާމީ ބޭންކިންގް ދާއިރާއަށް ބޮޑު ސަމާލުކަމެއް ދޭ އިދާރާއެކެވެ.
އެވޯޑު ހާސިލްކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ވަޙީދު ވިދާޅުވީ، ވެރިކަން ހިންގުމުގައި އެންމެ މުހިއްމު ކަމަކީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އިސްކުރުން ކަމަށެވެ. އަދި ސަރުކާރު ހިންގުމުގެ ބާރުތަކަކީ އާންމުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޒިންމާ އެކުލެވިގެންވާ ބާރުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ހިތާމައަކީ، ވެވަޑައިގަންނަވާ ވަޢުދުތައް ފުރިހަމައަށް ފުއްދަވަނީ މަދު ބޭފުޅަކަށް ވުން،" ވަޙީދު ވިދާޅުވިއެވެ.
ހެޔޮވެރިކަމަކީ ރައްޔިތުންގެ ބޭނުންތަކަށް އިޖާބަދޭ، ދެފުށް ފެންނަ ގޮތަކަށް ކުރެވޭ ވެރިކަމެއް ކަމަށާއި، އެކަން ކުރެވޭނީ ރަނގަޅު ވެރިން ތިއްބެވުމުން ކަމަށް ރައީސް ވަޙީދު ވިދާޅުވިއެވެ. މީގެ އިތުރުން ކޮރަޕްޝަނުން އެއްކިބާވުމާއި، ޤާނޫނީ ސިޔާދަތު ނެގެހެއްޓުމުގެ މުހިއްމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ބައިނަލްއަގުވާމީ ނިޒާމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޙީދު ވިދާޅުވީ، ބާރުގަދަ މަދު ގައުމުތަކުގެ ސަބަބުން އދ.ގެ ނިޒާމު ބަލިކަށިވެފައިވާ ކަމަށެވެ. މި ހަފްލާގައި ބައިނަލްއަޤްވާމީ ހެޔޮވެރިކަމުގެ އަހަރީ ރިޕޯޓުގެ 5 ވަނަ ޢަދަދުވެސް ރައީސް ވަޙީދު ވަނީ ނެރެދެއްވާފައެވެ.


