Tuesday, 28 July 2026
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން -- ފޮޓޯ: އެމްއެމްބީސީ

ނޫސް މަޖައްލާތައް އަދާހަމަކުރުމަށް މީޑިއާ ކޮމިޝަނުން 6 މަސް ދުވަހުގެ މުހުލަތެއް ދީފި

ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ހުރިހާ މީޑިއާތަކަކުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ދަފްތަރުގައި މައުލޫމާތު އަދާހަމަކުރުމަށް ހަ މަސް ދުވަހުގެ މުހުލަތެއް އެ ކޮމިޝަނުން ދީފިއެވެ. މި ނިންމުމަކީ އަލަށް އެކުލަވާލި ނޫސްމަޖައްލާ ރަޖިސްޓްރީ ކުރުމުގެ ޤަވާއިދާ އެއްގޮތަށް މީޑިއާތަކުގެ ދަފްތަރު ތަރުތީބުކުރުމަށް ނިންމި ނިންމުމެކެވެ.

މީގެ ކުރިން ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރަމުން އައީ އެއިރަކު އެ މަސްއޫލިއްޔަތު ހަވާލުކޮށްފައި އޮންނަ ސަރުކާރުގެ ވުޒާރާއެއްގައެވެ. ނަމަވެސް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ޤާނޫނުގެ ދަށުން، މިހާރު ނޫސްމަޖައްލާތައް ރަޖިސްޓްރީކޮށް ދަފްތަރު ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ އޮންނަނީ އެ ކޮމިޝަނަށެވެ. މި މަސައްކަތަށްޓަކައި އެކުލަވާލި އައު ޤަވާއިދުގައި ނޫސް މަޖައްލާތައް ހަތަރު ގިންތިއަކަށް ވަނީ ބަހާލާފައެވެ. އެއީ ނޫސްތައް، މަޖައްލާ، ނިއުސް ލެޓަރ އަދި ޖާނަލް އެވެ.

މި ޤަވާއިދުގައިވާ ގޮތުން ނޫސް މަޖައްލާގެ ޚިދުމަތް ދިނުމަށް ޕްރިންޓް، ވެބްސައިޓް، ސޯޝަލް މީޑިއާ، އެޕްލިކޭޝަން އަދި އިލެކްޓްރޯނިކް މީޑިއާ ފަދަ މަންސަތައް ބޭނުންކުރެވިދާނެއެވެ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް ނޫސް މަޖައްލާ ހިންގުމުގެ ފުރުސަތު އޮތް ނަމަވެސް، ވަކި އިދާރާއެއްގެ މުވައްޒަފުންނަށް ޚާއްސަކޮށް ނެރޭ ކުދި މަޖައްލާތައް މި ޤަވާއިދުން އިސްތިސްނާވެއެވެ.

އައު ޤަވާއިދުގެ ދަށުން ނޫސް މަޖައްލާއެއް ރަޖިސްޓްރީ ކުރަން ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި ކޮމިޝަނުން ޖަވާބެއް ދޭންޖެހޭނެއެވެ. ކޮންމެ ނޫސް މަޖައްލާއެއްގައިވެސް އެޑިޓަރަކާއި މަސްއޫލުވެރި ފަރާތެއް ހުންނަންޖެހޭއިރު، އެ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައްވެސް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. ނޫސް މަޖައްލާ ރަޖިސްޓްރީ ކޮށްދެނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ. ރަޖިސްޓްރީގެ މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން އައު ކުރަން ހުށަހަޅަންޖެހޭއިރު، ޝާއިއުކުރުން ހުއްޓާލާތާ 12 މަސް ވެއްޖެނަމަ ރަޖިސްޓްރީ ބާތިލްވާނެއެވެ.

މި ޤަވާއިދުގައި އަލަށް ހިމަނާފައިވާ މުހިންމު އެއް ކަމަކީ ނޫސްމަޖައްލާ ކިޔާ ފަރާތްތަކުގެ އަތުން ފީއެއް ނެގުމުގެ އުސޫލެވެ. އެއްވެސް ނޫސްމަޖައްލާއަކުން ކިޔުންތެރިންގެ އަތުން ފީއެއް ނަގަން ބޭނުންވާނަމަ، އެ ފީއެއް މީޑިއާ ކޮމިޝަނަށް ހުށަހަޅައި، ކޮމިޝަނުން އެކަން ފާސްކޮށް ހުއްދަ ހޯދަންޖެހޭނެ ކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *