މާލެ ސަރަހައްދަށް ރޭ ކުރަމުންދާ ވިއްސާރައިގައި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުރި އިމާރާތަކަށް ހޮނުއަޅައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި ހާދިސާއާއެކު އިމާރާތުގެ ބައެއް ކޮންކުރިޓުގަނޑުތައް ނެއްޓިގެން ތިރިއަށް ވެއްޓިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މިރޭ މާލެ ސަރަހައްދުގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ، ބާރަށް ގުގުރައި ވިދަމުންދާއިރު، ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް ވެސް ކެނޑިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮނު އަޅާފައިވަނީ ހުޅުމާލޭ ސަހަރާ ކައިރީގައި ހުރި އިމާރާތަކަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. ނަމަވެސް، ހުޅުމާލެއަށް ހޮނުއަޅާ މަންޒަރު ފެންނަ ބައެއް ވީޑިއޯތައް މިހާރު ދަނީ ސޯޝަލް މީޑިއާގައި އާންމުވަމުންނެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ މިރޭ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ.


