Tuesday, 28 July 2026
މާލޭ މޭޔަރު އާދަމް އާޒިމަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި މީހާ.-- ފޮޓޯ: ޕޮލިސް

މޭޔަރު އާޒިމަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި މީހާ 15 ދުވަހަށް ބަންދުކޮށްފި

މާލޭގެ މޭޔަރު އާދަމް އާޒިމަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ. މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ގ. އީރީ، ޢަބްދުﷲ މުޢާޒް (35އ) އެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން، މުއާޒް ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގެ ތެރެއިން މޭޔަރު އާޒިމްގެ ގައިގައި އަތްލައި މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައެވެ. ހެންވޭރު ސަހަރާ ކައިރިން އާޒިމް ވަޑައިގަންނަވަނިކޮށް ހިނގި މި ހާދިސާގައި، މުއާޒް އާޒިމް ކޮއްޕާލުމުން އެއްވުމުގެ ބައިވެރިން ވަނީ އޭނާ ދުރަށް ޖައްސާފައެވެ.

ބަންދުގެ މަޖިލީހުގައި މުއާޒް ބުނެފައިވަނީ އޭނާ މޭޔަރުގެ އަރިހަށް ދިޔައީ ވާހަކަ ދައްކަން ކަމަށެވެ. އަދި އޭނާއާ މާރާމާރީ ހިންގީ މުޒާހަރާގެ ބައިވެރިން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް ފުލުހުން މި މައްސަލަ ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

މި ހަމަލާގެ ތުހުމަތު އާޒިމް ސަރުކާރަށް އަމާޒު ކުރައްވާފައި ވަނިކޮށް، ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ ސަރުކާރުގެ ފަރާތުން އެފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި މޭޔަރަށް ހަމަލާދޭން މަސައްކަތްކުރި މަންޒަރު ފެންނަ ވީޑިއޯ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބެއްލެވި ކަމަށާއި، އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ރައީސް ކުށްވެރި ކުރައްވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

ރައީސް އޮފީހުން އިތުރަށް ބުނެފައިވަނީ، މި މައްސަލަ އެއްވެސް ފަރާތަކުން ފުލުހުންނަށް ރަސްމީކޮށް ހުށަހަޅާފައި ނުވި ނަމަވެސް، ވީޑިއޯ ފެނުމާއެކު ފުލުހުން އަމިއްލައަށް އިސްނަގައިގެން މި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *