Tuesday, 28 July 2026
ދާހިލީ ސަލާމަތާއި މަސައްކަަތްތެރިކަމާ ބެހޭ ވަޒީރު އަލީ އިހުސާން -- ފޮޓޯ: ރައީސް އޮފީސް

ރައީސަށް ދޮގު ތުހުމަތުކުރި މައްސަލަ ތަހުގީގު ކުރުމަކީ ފުލުހުންގެ ވާޖިބެއް: އިހުސާން

ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް ޒިނޭގެ ދޮގު ތުހުމަތުތަކެއް ފެތުރި މައްސަލައިގައި ނޫސް އިދާރާއެއް ބަލައި ފާސްކޮށް، ޖިނާއީ ތަހުގީގެއް ހިންގުމަކީ ފުލުހުންގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ 'އަދަދު' ނޫހުގެ އިދާރާއަށް ފުލުހުން ވަދެ ހިންގި އޮޕަރޭޝަނާ ގުޅިގެން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ ގާނޫނު އަސާސީން ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވީ ނަމަވެސް، އެއީ އެއްވެސް ހިފެހެއްޓުމެއް ނެތް މުތުލަގު ހައްގުތަކެއް ނޫން ކަމަށެވެ. އަދި ކޮންމެ ރައްޔިތެއްގެ ވެސް އަބުރާއި ރީތި ނަން ރައްކާތެރިކުރުމުގެ ހައްގު ގާނޫނު އަސާސީގެ 33 ވަނަ މާއްދާއިން ކަށަވަރުކޮށްދޭކަން އޭނާ ފާހަގަކުރެއްވިއެވެ.

"ހެއްކެއް ނެތި ދޮގު ތުހުމަތުތައް ފެތުރުމުގެ ހައްގު އެއްވެސް ފަރާތަކަށް ލިބިގެންނުވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ގައުމުގެ އެންމެ އިސްވެރިޔާއަށް ނިސްބަތްކޮށް "ޒިނޭ" ފަދަ ބޮޑެތި ތުހުމަތުތައް ކުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫން ކަމަށާއި، އެއީ ރައީސްގެ ޒާތީ ކަރާމާތާއި އާއިލާއަށް ދެވޭ ސީދާ ހަމަލާއެއް ކަމަށް މިނިސްޓަރު ސިފަކުރެއްވިއެވެ. މިފަދަ އަސާސެއް ނެތް ވާހަކަތަކުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން އުފެދި، އިއާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ އަމަލުތަކަކީ ނޫސްވެރިކަމަށް ދެވޭ ހަމަލާއެއް ނޫން ކަމަށާއި، އެއީ "ގަޒްފު" ފަދަ ޖިނާއީ ކުށްތަކަށް ތުހުމަތުކުރެވޭ ހާލަތްތަކުގައި ގާނޫނު ނެގެހެއްޓުމަށް ކުރާ މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މީޑިއާ ހިމެނޭހެން އެއްވެސް ފަރާތަކީ ގާނޫނަށް ވުރެ މަތީގައިވާ ބައެއް ނޫން ކަމަށާއި، ހަގީގީ ނޫސްވެރިކަން ކުރިއަރާނީ ޖަވާބުދާރީވުމާއެކު ކަމަށް ވިދާޅުވެ މިނިސްޓަރުގެ ވާހަކަ ނިންމާލެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *