Tuesday, 28 July 2026
ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަޤާމަށް އަފީފު

ފެނަކަގެ މެނޭޖިން ޑިރެކްޓަރަކަށް އަފީފް އައްޔަންކޮށްފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު އަފީފް ހުސެއިން މިއަދު އައްޔަންކުރައްވައިފިއެވެ. މއ. ވޭވްސައިޑް 304 ފްލެޓް، މުހައްމަދު އަފީފު ހުސެއިން މި މަގާމަށް އައްޔަންކުރެއްވުމާއެކު، އޭނާ ވަނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށްވެސް އައްޔަންކުރައްވާފައެވެ.

އަފީފަކީ ތައުލީމީ ގޮތުން މަތީ ސަނަދުތަކެއް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ޝަރީއާގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި ސިންގަޕޫރު މެނޭޖްމަންޓް ޔުނިވާސިޓީން ބޯޑް އެގްޒެކެޓިވް ސެޓްފިކެޓް އިން ޑައިރެކްޓާޝިޕް ފުރިހަމަކުރައްވާފައިވާއިރު، ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކުރައްވާފައިވެއެވެ.

މީގެ އިތުރުން، އަފީފަކީ އިދާރީ ހިންގުމާއި، އިސްތިރާތީޖީ ކުރިއެރުމާއި، މުއައްސަސާތައް ބެލެހެއްޓުމުގެ ދާއިރާއިން ފަންނީ ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 'ބެލެންސްޑް ސްކޯކާޑް' އަދި 'ރިސްކް މެނޭޖްމަންޓް' ގެ ދާއިރާއިންވެސް ފަންނީ ސަނަދުތައް ހާސިލުކުރައްވާފައެވެ.

ދައުލަތަށް ޚިދުމަތް ކުރެއްވުމުގައި 40 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ އަފީފް ވަނީ އުމްރާނީ ތަރައްގީއާއި، އަސާސީ ހިދުމަތްތަކާއި، ސަރުކާރުގެ އިދާރީ ހިންގުމުގެ ދާއިރާތަކުން ފާހަގަކޮށްލެވޭ ފަދަ ތަޖުރިބާތަކެއް ހާސިލުކުރައްވާފައެވެ. ފެނަކައިގެ އެމްޑީގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ ޗެއާމަންގެ މަގާމުގައެވެ.

ކުރިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަދި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަންވެސް ކުރައްވާފައިވާ އަފީފަކީ، ރާއްޖޭގެ ސަރަހައްދީ އެކި ކުންފުނިތަކުގެ ބޯޑު މެންބަރުކަންވެސް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *