ކޯޓު އަމުރެއްގެ ދަށުން ފުލުހުން 'އަދަދު' ނޫސް ހިންގާ އޮފީސް ބަލައި ފާސްކުރަން ފަށައިފިއެވެ.
ފުލުހުން ކޯޓު އަމުރެއްގެ ދަށުން އެ އޮފީހަށް ވަދެފައިވަނީ އެ ޑޮކިއުމަންޓްރީގައި ހިމެނޭ ވާހަކަތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކަން ދޮގުކުރައްވައި، އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުގައި އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު 'އަދަދު' ނޫހުގެ ސޯޝަލް މީޑިއާ މަންސަތަކުގައި އާންމުކުރި މި ޑޮކިއުމަންޓްރީގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ މުވައްޒަފަކު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ޒާތީ ގުޅުމެއް އޮތް ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.
މި މައްސަލައާ ގުޅިގެން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ އެ ޑޮކިއުމަންޓްރީގައި ހިމެނޭ ހުރިހާ ވާހަކަތަކެއް ކަނޑައެޅިގެން ދޮގުކުރައްވާފައެވެ. ރައީސް ވިދާޅުވީ "މި މަސައްކަތުގައި ބައިވެރިވި އެންމެހައި ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ" ކަމަށެވެ.
'އަދަދު' ނޫހުގެ އޮފީސް ބަލާފާސްކުރުމަށް ފުލުހުން ހޯދާފައިވާ ކޯޓު އަމުރުގައި، އެ އޮފީހުން ސީދާ ހޯދަން ބޭނުންވަނީ ކޮން އެއްޗެއްކަން ސާފުކޮށް ބަޔާންކޮށްފައި ނުވާ ކަމަށް އެ ނޫހުގެ ބައެއް ނޫސްވެރިން ވަނީ ބުނެފައެވެ. ނަމަވެސް، ބެލެވޭ ގޮތުގައި ފުލުހުން އެ ތަނުގައި ހަރަކާތްތެރިވަމުންދަނީ އެ ޑޮކިއުމަންޓްރީއާ ގުޅުންހުރި ހެކިތަކެއް ހޯދުމަށެވެ.
މި މައްސަލައާ ގުޅިގެން ދާދިދެންމެއަކު ފުލުހުން ބުނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، އަދަދު ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ދަނީ ބަލައި ފާސް ކުރަމުން ކަމަށެވެ. މި އޮޕަރޭޝަން އަދިވެސް ކުރިއަށްދާއިރު، މިއީ ފަހުގެ ތާރީޚެއްގައި ނޫހެއްގެ އޮފީހަށް ފުލުހުން ވަދެ ބަލާފާސްކުރި ފުރަތަމަ ފަހަރެވެ.


