Tuesday, 27 October 2026
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

"އެންޓި ބުލީ" ގާނޫނެއް ހެދުމުގެ މަސައްކަތް ސަރުކާރުން ފަށައިފި

ބުލީކުރުމަކީ ގާނޫނީ ކުށަކަށް ހަދައި އެކަމަށް އަދަބު ދެވޭނެ ގޮތަށް "އެންޓި ބުލީ" ގާނޫނެއް ހެދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.

ކޮންމެ ހޯމަ ދުވަހަކު ރައީސް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބުލީކުރުމަކީ ރާއްޖެއާއި މުޅި ދުނިޔޭގައި ވެސް ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި، މިއީ ވަރަށް ބައިވަރު ކަންކަމާ ގުޅިފައިވާ "ޑީޕް ރޫޓެޑް އިންޓަ ކަނެކްޓެޑް" މައްސަލައެއް ކަމަށެވެ. މިދިޔަ ހަފުތާގައި ދަނާލުގައި 18 އަހަރުގެ އަންހެން ކުއްޖަކު މަރުވި ހާދިސާއާ ބުލީއާ ގުޅުން ހުރި ކަމަށް އަޑުފެތުރިފައިވާ ދަނޑިވަޅެއްގައި ރައީސް ވަނީ މިކަމުގެ ސީރިއަސްކަން ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވި ގޮތުގައި، މިހާރު އަމަލުކުރަމުންދާ ގާނޫނުލްއުގޫބާތުގެ ތެރެއިން ސައިބާ ވައިލަންސް އާއި ސައިބާ ސްޓޯކިން ފަދަ އަމަލުތަކަކީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، ބުލީކުރުން ހުއްޓުވުމަށް ހާއްސަ ގާނޫނެއް އޮތުން މުހިންމެވެ. އެގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ އެންޓި ބުލީ ބިލު އެކުލަވައިލުމުގެ މަސައްކަތް ފަށާފައެވެ.

"މި ގާނޫނުގައި އަޅުގަނޑުމެން ވަރަށް ސާފުކޮށް ބަޔާންކުރާނަން ބުލީ ކުރުމުގެ އަމަލުތައް. ކޮން ގޮތަކަށް ކުށަކަށްވާ ކަމެއްކަން. ގާނޫނު ހިނގާ ދާއިރާތައް ކަނޑައެޅިގެން ދާނެ،" ރައީސް ވިދާޅުވިއެވެ.

މި އާ ގާނޫނުގެ ދަށުން ބުލީކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅޭނެ ދާއިރާތަކުގެ ތެރޭގައި ސްކޫލުތަކާއި ތައުލީމީ މަރުކަޒުތައް، ވަޒީފާގެ މާހައުލު، އަދި ސިއްހީ ހިދުމަތްދޭ ތަންތަން ހިމެނެއެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ކުރާ ބުލީ ނުވަތަ އޮންލައިން ބުލީކުރުން ހުއްޓުވުމަށް ވެސް ހާއްސަ މާއްދާތަކެއް މި ބިލުގައި ހިމެނޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ބިލު އެކުލަވައިލުމަށްފަހު، ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް، ފާސްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް ރައީސް މިއަދު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *