Tuesday, 28 July 2026
ފޮޓޯ:ޕީއެސްއެމް

ޖޯޑަންގައި ބާއްވާ އެކްސްޕޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފި

ޖޯޑަންގައި ބާއްވާ "ގަލްފް ޖޯ އެކްސްޕޯ" އަދި "ގަލްފް – ޖޯޑަނިއަން އިންވެސްޓްމަންޓް ފޯރަމް" ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ. މި ފޯރަމަކީ ޖޯޑަންގެ ހަޝެމައިޓްގައި އަންނަ އޮކްޓޫބަރު މަހުގެ 26 އިން 29 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމުގެ މަޢުލޫމާތު ޖޯޑަން ސަރުކާރުން އެ ވުޒާރާއަށް މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ. މިއީ ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހި އުފެއްދުންތަކާއި ވިޔަފާރިތައް އިސްތިހާރު ކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

މި އެކްސްޕޯ އާއި ފޯރަމަކީ އިންވެސްޓްމަންޓް ފުރުސަތުތައް ހޯދުމަށާއި، ވިޔަފާރިވެރިންގެ އުފެއްދުންތައް އިސްތިހާރު ކުރުމުގެ އިތުރުން، ވިޔަފާރީގެ ގުޅުންތައް އިތުރަށް ފުޅާކުރުމުގެ މަގްސަދުގައި ބާއްވާ ޕްލެޓްފޯމެކެވެ. މި އިވެންޓުގެ ތެރެއިން "ބިސްނަސް-ޓު-ބިސްނަސް" (B2B) ބައްދަލުވުންތަކާއި، އިންވެސްޓްމަންޓް ޕްރޮމޯޝަން ސެޝަންތަކުގެ އިތުރުން އުފެއްދުންތައް ދައްކާލުމަށް ހާއްސަ އެގްޒިބިޝަންތައް ކުރިއަށްދާނެއެވެ.

މި އެކްސްޕޯގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކްސްޕޯގެ ރަސްމީ ވެބްސައިޓް ކަމަށްވާ http://www.tc-center.com މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރަން ޖެހެއެވެ. އަދި ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އީމެއިލް އެޑްރެސް international@trade.gov.mv އަށް އެކަން އެންގުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *