ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ދިވެހިރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން މިއަދު ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ހަދިޔާކުރި ކަދުރު މާލެ ސަރަޙައްދުގައި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށް ދާނީ މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށެވެ.
މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި، ސިޓީތަކާއި ރަށްރަށުގައި ކަދުރު ބަހާނީ އެ ސިޓީއަކަށް ނުވަތަ އެ ރަށަކަށް ކަނޑައަޅާ ކަދުރު ހުސްވަންދެން ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓު ކަދުރެވެ. ރަށްރަށަށް ކަދުރު ކަނޑައަޅާފައިވަނީ ކޮންމެ 100 ގޭބިސީއަކަށް 50 ޕެކެޓުގެ ރޭޓުންނެވެ. އަތޮޅުތެރޭގެ ރަށްރަށުގައި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްދާނީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް މެދުވެރިކޮށެވެ.
މާލެ ސަރަޙައްދުގައި ކަދުރު ބެހުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 14 ހަމައަށް ހެނދުނު 9:30 އިން މެންދުރު ފަހު 13:00 އަށެވެ. މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ގޭބިސީތަކަށް ކަދުރު ބަހާނީ، އެ ގޭބިސީއެއްގެ އެޑްރެސް، ކަރަންޓު މީޓަރުގެ ނަންބަރު އަދި ކަދުރާ ހަވާލުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ރިއާޔަތްކޮށެވެ.
މި ކަދުރުތަކަކީ މި މަހުގެ 16 ވަނަ ދުވަހު ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަދުރުތަކެކެވެ.


